
އައިޝްވަރިޔާ ބުނީ، މިއަދުގެ ޑިޖިޓަލް ދުނިޔޭގައި ގިނަ ބަޔަކު، ހާއްސަކޮށް ޒުވާން ޖީލު، އޮންލައިންކޮށް ލައިކް ލިބިގެން ނޫނީ އެމީހުންގެ އަގު ހުރިކަމަށް ނުދެކޭ ކަމަށެވެ. މިފަދަ މާހައުލެއްގައި ކުއްޖަކު ބޮޑުކުރާ މަންމައެއްގެ ހައިސިއްޔަތުން މިއީ ކަންބޮޑުވާކަމެއް ކަމަށް އޭނާ ދެކެއެވެ.
އަދި މީހުން ގިނަ ފަހަރު އެމީހުންގެ ޕޯސްޓްތަކަށް އެހެން މީހުން ދޭ ރިއެކްޝަންތަކުން އަމިއްލަ ނަފްސު ވަޒަންކުރާ ކަމަށާއި، މިއީ އެމީހުންގެ އިތުބާރަށް ގެއްލުން ވާ ކަމެއް ކަމަށް ވެސް އައިޝްވަރިޔާ ވަނީ ބުނެފަ އެވެ.
އެހެން މީހުން ކިޔާ އެއްޗަކީ ކޮބައިކަމަށް ނުބަލައި، ނުވަތަ ލިބޭ ލައިކްސްގެ އަދަދު ކިހާވަރެއް ކަމަށް ނުބަލައި، ކޮންމެ މީހަކީ ވެސް އަމިއްލަ ކަމުގެ އަގު ހުރި ބައެއްކަމަށް ގަބޫލުކުރަން ޖެހޭ ކަމަށް އައިޝްވަރިޔާ ބުނެ އެވެ. އަދި އިތުބާރާއި، އަމިއްލަ ނަފްސަށް ލޯބިވުން އަންނަންވާނީ ހިތުގެ އެތެރެއިން ކަމަށް ވެސް އޭނާ ބުނެ އެވެ.
މީހުން އެ މީހުންގެ އަމިއްލަ ނަފްސާ މެދު އިހުސާސްވާ ގޮތް ސޯޝަލް މީޑިއާގެ ބާރުގެ ދަށަށް ގެނައުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އޭނާ ބުނެ އެވެ. އަދި އައިޝްވަރިޔާ ބުނީ އޭނާ އުއްމީދުކުރަނީ ގިނަ ބަޔަކު އެމީހުންގެ އަގު ސްކްރީނުން ބޭރުން ދެކެން ދަސްކުރާނެ ކަމަށެވެ.