
ރައީިސަށް ބާރުދީ، މީޑިއާތައް އުވާލެވޭ ގޮތް ހަދާ މީޑިއާތައް ކޮންޓްރޯލްކުރުމަށް މަޖިލީހަށް މިފަހަރުވެސް ބިލެއް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.
ސަރުކާރާއި ގާތް ގުޅެމެއް އޮންނަ މެމްބަރު ހަންނާނު މީގެކުރިންވެސް ވަނީ ސަރުކާރަށް މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅުއްވާފައެވެ. މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލްގެ ނަމުގައި ހުށަހެޅުއްވި އެ ބިލް އަނބުރާ ގެންދެވީ، ނޫސްވެރިންނާއި މީޑިއާތަކުގެ ކަންބޮޑުވުންތައް ފާޅުކޮށް ސަރުކާރަށް ފާޑިކިޔުންތައް އަމާޒުވުމުންނެވެ.
މި ބިލު އެކުލަވާލުމުގައި މަޖިލީހުގެ ނައިބު ރައީސްގެ ދައުރު އޮތްކަން ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭއިން މިއަދު ވަނީ ފާހަގަކޮށްފައެވެ.
ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތައް އޮތް މި ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ކުރީ ފަހަރު ހަންނާން ބިލު އަނބުރާ ގެންދެވުމުން އޭރުގެ ބިލުގައި އިސްލާހުކުރަން ޖެހޭ ކަންކަން ދިރާސާކުރުމުގައި މަސައްކަތްތަކެއް ކޮށްދެއްވި ކަމަށެވެ.
މީޑިއާތައް ހިންގަމުން އަންނަ ގޮތަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ހުރިހާ މީޑިއާއަކަށްވެސް ފަންޑުކުރަނީ އިޝްތިހާރުތައް ފަދަ އެއްޗެހިން ކަމަށާއި އެހެންވީމާ މީޑިއާއަކީ ވަކި ބައެއްގެ ދަށުވެފައި އޮންނަ އެއްޗަކަށް ވެގެން ނުވާނެ ކަމަށެވެ.
ނާޒިމް ވިދާޅުވީ މިހާރު މަޖިލިހަށް ހުށައަޅާފައިވާ ބިލަކީ ބައިނަލްއަގްވާމީ ވަރަށް ގިނަ މިންގަނޑުތަކާ އެކު އެކުލަވާލާފައިވާ ބިލެއްކަމަށެވެ. އެހެންކަމުން ބިލު ބަލައިގަނެ، ކޮމިޓީ މަރުހަލާގައި އެއާ ގުޅޭ ކަންބޮޑުވުމެއް އޮތް ނަމަ އެންމެންނަށް އެއްބަސްވެވޭ ހައްލެއް ގެނެވޭނެ ކަމަށާއި މިއީ އަމިއްލަ މެމްބަރަކު ހުށަހެޅުއްވި ބިލަކަށް ވާތީ އެ ފުރުސަތު ވަރަށް ބޮޑުކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
މަޖިލީހުގެ ތަޅުމުގައި ބިލަށް ބަހުސް ކުރި އިރު ބަހުސްގައި ބައިވެރިވި ހުރިހާ ޕީއެންސީގެ މެމްބަރުން ވެސް ވަނީ މީޑިއާ ކޮންޓްރޯލްކުރާ އެ ބިލަށް ތާއީދު ކޮށްފައެވެ.