ads
ޝަހީދު ހުސައިން އާދަމް ބިލްޑިންގ
ބިދޭސީންނަށް އަމާޒުކޮށް ކްރިޕްޓޯ މަކަރެއް: 2.9 މިލިއަން ރުފިޔާގެ ގެއްލުން
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން، ހާއްސަކޮށް ޗައިނާ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ އާ ބާވަތެއްގެ ކްރިޕްޓޯކަރަންސީ މަކަރާއި ހީލަތްތަކެއް ދިވެހި ފުލުހުންގެ ހިދުމަތަށް ދަނީ ހުށަހެޅެމުން ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

މި މަކަރުވެރި އަމަލުތަކުގެ ސަބަބުން މިހާތަނަށް 2.9 މިލިއަން ދިވެހި ރުފިޔާގެ ބޮޑު މާލީ ގެއްލުން ވެފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މަކަރާއި ހީލަތުގެ އަމަލުތައް މައިގަނޑު ގޮތެއްގައި ހިންގަނީ ކްރިޕްޓޯކަރަންސީގެ މުއާމަލާތްތަކުގެ ތެރެއިން އޮޅުވާލައިގެން ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި މަކަރުވެރިން އަމަލުކުރާ ގޮތް ވަރަށް ތަފާތު ކަމަށާއި އެ މީހުން ގުޅަނީ ދިވެހިރާއްޖޭގައި ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތްތަކާ ކަމަށެވެ. ހާއްސަގޮތެއްގައި ޓެދަ (ޔޫއެސްޑީޓީ) ގަނެވިއްކާ ފަރާތްތަކާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މަކަރުވެރިން ޔޫއެސްޑީޓީ ވިއްކާ ފަރާތަށް އޮޅުވާލައި، ރަނގަޅު ރޭޓެއްގައި ބޭރު ފައިސާ (ޗައިނީޒް ޔުއާން) ގަނެވިއްކުމުގެ މުއާމަލާތެއް ހިންގަން ހުށަހަޅައި މި މަރުހަލާގައި މަކަރުވެރިޔާ ވިއްކާ ފަރާތަށް ފައިސާ ޓްރާންސްފާ ކުރުމަށް ވަކި ޑިޖިޓަލް ވޮލެޓް އެޑްރެހެއް ދޭ ކަމަށް ފުލުހުން ބުނެއެވެ.

އަދި މަކަރުވެރިޔާ ހަމަޖައްސަނީ ދިވެހި ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ގެންގުޅޭ ބޭރު ގައުމެއްގެ މީހަކު ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތާ ބައްދަލުކުރުމަށް ކަމަށް ވެސް ފުލުހުން ބުނެ އެވެ. މި މުއާމަލާތުގައި ބޭރު ގައުމުގެ މީހާ ބައިވެރިވަނީ އޭނާގެ އަތުގައިވާ ދިވެހި ރުފިޔާ ބަދަލުކުރެވެނީ އޭނާގެ ބޭންކް އެކައުންޓަށް ޖަމާކުރެވޭނެ ބޭރު ފައިސާއަކަށް ކަމަށް ގަބޫލުކޮށްގެން ކަމަށް ވެސް ފުލުހުން ބުނެއެވެ.

"މީހަކާ އެކު މާލީ މުއާމަލާތެއް ކުރާ ނަމަ، އެ މީހަކީ ކާކުކަން އަބަދުވެސް ކަށަވަރު ކުރާށެވެ. ގަންނަ ފަރާތްތަކާއި ވިއްކާ ފަރާތްތަކާ ގުޅުވައިދޭން މަސައްކަތްކުރާ ނުދަންނަ، ތިންވަނަ ފަރާތްތަކަށް އިތުބާރު ނުކުރާށެވެ. ތިމާ ގާތުގައި ނެތް، ނުދަންނަ އެހެން މީހެއްގެ އެކައުންޓަކަށް ނުވަތަ ވޮލެޓްތަކަށް ފައިސާ ނުވަތަ ކްރިޕްޓޯކަރަންސީ ފޮނުވުމަށް އެއްބަސްނުވާށެވެ،" ފުލުހުންގެ ނޫސް ބަޔާނުގައިވެ އެވެ.

ދެ ފަރާތް ބައްދަލުވެ، ބޭރު ގައުމުގެ މީހާ ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތަށް ނަގުދު ފައިސާ ހަވާލުކޮށް ފައިސާ ގުނައި ޗެކްކުރުމަށްފަހު، ވިއްކާ ފަރާތުން އެއާ އެއްވަރުގެ ޔޫއެސްޑީޓީ މަކަރުވެރިޔާ ދީފައިވާ ވޮލެޓް އެޑްރެހަށް ޓްރާންސްފާ ކުރާ ކަމަސް ފުލުހުން ބުނެއެވެ. އަދި ޓްރާންސްފާ ކުރުމަށްފަހު، ބޭރު ގައުމުގެ މީހާގެ ބޭންކް އެކައުންޓަށް އެއްވެސް ފައިސާއެއް ޖަމާނުކޮށް ކްރިޕްޓޯކަރަންސީ ޖަމާވަނީ މަކަރުވެރިޔާގެ ވޮލެޓަށް ކަމަށް ފުލުހުން ބުނެއެވެ.  

ދިވެހި ފުލުހުންގެ ހިދުމަތުން ކްރިޕްޓޯކަރަންސީ ނުވަތަ ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތަކުގައި ސަމާލުވުމަށް ވަރަށް ބޮޑަށް އިލްތިމާސްކުރެއެވެ. މީހަކާއެކު މާލީ މުއާމަލާތެއް ކުރާނަމަ، އެމީހަކީ ކާކުކަން އަބަދުވެސް ކަށަވަރުކުރަން ފުލުހުން އިރުޝާދުދެއެވެ. އަދި ގަންނަ ފަރާތްތަކާއި ވިއްކާ ފަރާތްތަކާ ގުޅުވައިދޭން މަސައްކަތްކުރާ ނުދަންނަ، ތިންވަނަ ފަރާތްތަކަށް އިތުބާރު ނުކުރުމަށްވެސް ފުލުހުން ވަނީ އަންގާފައެވެ. އެހެން މީހެއްގެ އެކައުންޓަކަށް ނުވަތަ ވޮލެޓްތަކަށް ފައިސާ ނުވަތަ ކްރިޕްޓޯކަރަންސީ ފޮނުވުމަށް އެއްބަސްނުވުމަށްވެސް ފުލުހުން އިލްތިމާސްކުރެއެވެ.

ފުލުހުން ބުނީ އެކަހަލަ ހުށަހެޅުމެއް މީހަކު ހުށަހަޅައިފި ނަމަ އަދި މާލީ މުއާމަލާތެއް ހިންގުމުގައި ޝައްކެއް އުފެދިއްޖެ ނަމަ ނުވަތަ މިފަދަ މަކަރުވެރި އަމަލެއްގެ ޝިކާރައަކަށް ވެއްޖެ ކަމަށް ގަބޫލުކުރެވޭ ނަމަ ލަސްނުކޮށް ފުލުހުންގެ ހޮޓަލައިން 3322111 ނުވަތަ ނެޝަނަލް އިމަޖެންސީ ކޯލް ސެންޓަރު 911 އަށް ގުޅައި ރިޕޯޓްކުރުމަށް އެދޭ ކަމަށެވެ.

              
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް