
ޕާޓްނާޝިޕް އާ ކުރުމާއެކު ދިވެހި ރެޑް ކްރެސެންޓުން ފޯރުކޮށްދޭ ހިދުމަތްތަކަށް އެހީތެރިވުމަށް އަޒުމު ކަނޑައަޅާފައިވާ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.
ދިރާގުން ބުނި ގޮތުގައި މި ޕާޓްނަޝިޕްގެ ސަބަބުން، ކާރިސާތަކުގެ ވަގުތުގަ އާއި އާންމު ހާލަތްތަކުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދެ އެވެ.
މި މަސައްކަތްތަކުގެ ތެރޭގައި ފުރަތަމަ އެހީ ފޯރުކޮށްދިނުން، ނަފްސާނީ އަދި އިޖްތިމާޢީ އެހީތެރިކަން ދިނުން އަދި މީގެ އިތުރުން ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ހިމެނެ އެވެ. މި ޕާޓްނަޝިޕްގެ ސަބަބުން، ދިވެހި ރެޑް ކްރެސެންޓްގެ އިންސާނީ ހިދުމަތްތައް އިތުރަށް ފުޅާވެ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް މި ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާ ކަމަށްވެސް ދިރާގުން ބުންޏެވެ.
ދިވެހި ރެޑް ކްރެސެންޓުންވެސް ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ދިވެހި ރެޑް ކްރެސެންޓުން ފޯރުކޮށްދޭ ހިދުމަތްތައް ދިނުމުގައި އަދި މަސައްކަތް ފުޅާ ކުރުމުގައި ދިރާގުން އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކޮށްފަ އެވެ.
މި އެހީތެރިކަމުގެ ސަބަބުން ކުއްލި ހާލަތްތަކުގައްޔާއި ކާރިސާގެ ވަގުތުތަކުގައި އެންމެ ނާޒުކު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަގުފަހިވުމުގެ އިތުރުން، ދިރާގާއި ދިވެހި ރެޑް ކްރެސެންޓާ ދެމެދު ގާއިމްކުރެވިފައިވާ ގުޅުން ވަރުގަދަކުރުމުގެ ފުރުސަތު ލިބިގެންދާކަން އެ ތަނުން ފާހަގަކުރި އެވެ.