އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް، ޑރ. މުހައްމަދު މުއިއްޒު، އއ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މަތިވެރިއަށް ވަޑައިގެން މިރޭ ބޭއްވި ހާއްސަ ޖަލްސާގެ ތެރެއިންނެވެ. އެ މަޝްރޫއު ހަވާލުކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއެވެ.
އެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސެއިން އިމްރާން އަބްދުލްމުހައިމިން އެވެ. އެމްއޭސީއެލުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު އިއުލާން ކުރެއްވި ގޮތުގައި މަތިވެރި އެއާޕޯޓަށް އިންވެސްޓްކޮށް، އެ ތަން ހިންގައި ހުރިހާ ކަމެއް ބަލަހައްޓާނީ ވެސް އެމްއޭސީއެލުންނެވެ.
މަތިވެރީގައި އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.