އީއާރުއޭއިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ، ހައްސާން އެ މަގާމަށް އައްޔަން ކުރިކަން އިއުލާނުކޮށް އޭނާއަށް މަރުހަބާ ކިޔާފައެވެ. އަދި އެ އިދާރާއިން ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތް އޭނާގެ ބެލުމުގެ ދަށުން އިތުރު ހަރުފަތަކަށް ގެންދެވޭނެކަމަށް އުންމީދު ކުރާކަމަށް އެ ޕޯސްޓުގައި ވެއެވެ.
އީއާރުއޭ އިން މިއަދު ބުނިގޮތުގައި އެ ތަނުގެ ޗީފް އެގްޒެކެޓިވްގެ މަގާމަށް ހައްސާން މިއަދު ވަނީ އައްޔަންކޮށްފަ އެވެ. އެއީ ސިޔާސީ މަގާމެއް ކަމަށް ވާއިރު، އީއާރުއޭ ހިންގުމުގައި އެންމެ އިސްކޮށް ހުންނަވާނީ ހައްސާން އެވެ.
ނަމަވެސް އީޕީއޭގެ ނަން އީއާރުއޭ އަށް ބަދަލުކުރުމާ އެކު، އެ ތަނުގެ އެންމެ އިސްވެރިޔާގެ މަގާމަކީ ޗީފް އެޑްމިނިސްޓްރޭޓަރު ކަމަށް ރައީސް އޮފީހުން ކުރިން އަންގާފައި ވެއެވެ. އެކަމަކު، އެ އިދާރާގެ ޗީފް އެގްޒެކެޓިވްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމުން އެންމެ އިސްވެރިޔާއަކީ ހައްސާން ކަމަށް ވެ އެވެ.
ޗީފް އެގްޒެކެޓިވްގެ ދަށުން އެ އިދާރާ ހިންގަވާނީ ސިވިލް ސާވިސް މަގާމުގައި ހުންނަވާ ބޭފުޅެކެވެ. އެހެންވެ، އީއާރުއޭގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް މީހަކު ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވަނީ އެ ފުރުސަތު އާންމުކޮށް އިއްޔެ ހުޅުވާލައިފަ އެވެ.
އީޕީއޭ އީއާރުއޭއަށް ބަދަލުކުރުމުގެ ކުރިން އެ އިދާރާގެ ވެރިއެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ހުންނަނީ ޑިރެކްޓަރެކެވެ. އެ މަގާމުގައި ހުންނެވީ އިބްރާހިމް ނައީމެވެ.
އީޕީއޭއަށް ގެނައި ބަދަލުތަކާ ގުޅިގެން، ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި، ކުރީގެ ބައެއް، ވެރިންނާއި މިނިސްޓަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.