
މަތިވެރި ޓޫރިޒަމް ޒޯނުން ދޫކޮށްފައިވާ ބިމުގައި ކާސާމިއާގެ ނަމުގައި ދޫކޮށްފައިވާ ގެސްޓްހައުސްއަކީ 50 ކޮޓަރީގެ ގެސްޓްހައުސްއެކެވެ. ކަސާ މިއާ ހުރި ބިން މަތިވެރީގެ ރައްޔިތުންނަށް ލިބޭ ގޮތް ހައްދަވައި ދެއްވުމަށް އެ ރަށު ރައްޔިތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެދުނު އެދުމާ އެއްގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ މަތިވެރި ކައުންސިލާ، ކަސާ މިއާ ގެސްޓް ހައުސްގެ ބިން ހަވާލު ކޮށްފައެވެ.
ކާސާމިއާއާ ގުޅޭ ގޮތުން ސީރިއަސް މައްސަލަތަލެއް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވަނީ، މި ހަފްތާގައި ނެރުނު މަތިވެރި ކައުންސިލްގެ އޮޑިޓްގައެވެ. އެ އޮޑިޓްގައިވާ ގޮތުން، ބިމު ކުލީގެ ގޮތުގައި އެ ތަނުން 2.2 މިލިއަން ރުފިޔާ ކައުންސިލަށް ނުލިބި އެބައޮތެވެ. އަދި އެ ބިން ތަރައްގީ ކުރަން ކައުންސިލުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައި ނެތުމާއި އެތަން ކުރިން މިނިސްޓްރީގެ ދަށަށް ބަދަލުކުރިއިރު އެއްބަސްވުމެއް ހަދާފައި ނެތުން ހިމެނެއެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް އެތަން ބަދަލު ކުރުމުން، ކައުންސިލަށް 800،000 އެއްހާ ރުފިޔާގެ ގެއްލުން ވެފައިވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
ކާސާމިއާގެ ބިން އަލުން ކައުންސިލާ ހަވާލުކޮށްފައިވާއިރު، މި ބިން މަތިވެރީގެ ކައުންސިލާއި ހަވާލުކޮށްފައިވަނީ ރައީސް މުޢިއްޒު މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި މަތިވެރި ކައުންސިލާ ބިން ހަވާލުކުރުމުގެ ލިޔުން ހަވާލުކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހިމްއެވެ. އަދި ކައުންސިލުން އެ ލިޔުމާއި ހަވާލުވެވަޑައިގަތީ ކައުންސިލްްގެ ރައީސް އަޙްމަދު އަޞްލަމްއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުއަށް ގެސްޓްހައުސް ހިންގުމަށް އެ ބިން ފުރަތަމަ ދީފައި އޮތީ 10 އަހަރު ދުވަހަށެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުން ވަނީ އިޖުރާއަތްތަކާ ޚިލާފަށް އަކަފޫޓަކަށް 5 ރުފިޔާގެ މަގުން 50 އަހަރު ދުވަހުގެ މުއްދަތަކަށް އެތަނުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދީފައެވެ.