ads
ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް ސުޖާއު އާދަމް
ރައީސް އަރިހުން އެދުނީ އަތޮޅު ކައުންސިލު އުވާލާ ކައުންސިލަރުން މަދުނުކުރަން
ބައެއް ކައުންސިލްތަކުން މަސައްކަޔް ނުކުރުމަކީ އަތޮޅު ކައުންސިލު އުވާލާ ކައުންސިލަރުން މަދުކޮށް މުޅި ނިޒާމަށް ބަދަލު ގެންނަން ޖެހޭކަމެއް ނޫންކަމަށާއި އެކަން ނުކުރުމަށް ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް ސުޖާއު އާދަމް ގޮވާލައިފި އެވެ.
Advertisement

އޭނާ މި ގޮތަށް ގޮވާލީ ރައީސް ޑރ. މުއިއްޒު އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ބޮޑުފުޅަދޫ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. 

އއ. މަތިވެރި ރައްޔިތުންނާ ބައްދަލުކުރައްވާ ރޭ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވަނީ އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެެއް ހިފޭތަނެއް ނޫންކަމަށް ވިދާޅުވެ އެތަން އުވާލަން ގާނޫނޫ އަސާސީއަށް އިސްލާހު ގެންނަ މަޖިސް ހުޅުވުމުން ހުށައަޅުއްވާނެކަމަށް ވިދާޅުވެފަ އެވެ. އަތޮޅު ކައުންސިލުން އެއްވެސް ކަމެއް ނުކުރާކަން ރަށު ކައުންސިލްތަކުން ހެކިވާނެކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވިދާޅުވީ އަންނަ އިންތިހާބުގައި އަތޮޅު ކައުންސިލްތައް ނޯންނާނެކަަމަށެވެ. އަދި ކައުންސިލްތަކުގެ މެމްބަރުންގެ އަދުދުވެސް މަދުކުރާނެކަން ރައީސް ރޭ ވަނީ އިއުލާން ކުރައްވާފަ އެވެ. 

ރައީސް މުއިއްޒުގެ މިވާހަކަތަކާއި ގުޅިގެން ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް ސުޖާއު އާދަމް ވަނީ އަތޮޅު ކައުންސިލު އުވާލާ ކައުންސިލަރުން މަދުކޮށް މުޅި ނިޒާމަށް ބަދަލު ގެންނަން ނުޖެހޭތީ އެކަމާއި މެދު ވިސްނެވުމަށް ގޮވާލާފައެވެ. އަދި ކައުންސިލްތަކުގެ ދައްކާ ވާހަކަތައް އަޑުއެހުމަށް ސުޖާއު ވަނީ ގޮވާލައްވާފައެވެ. 

އަތޮޅު ކައުންސިލްތަކަކީ ބޭނުން ނެތް ތަނެއްކަމަށް ރަށު ކައުންސިލްތަކުން ހެކިވާނެކަމަށް ބުނި ވާހަކަތަކަށް ރައްދުވާ ގޮތަށް ސުޖާއު ވިދާޅުވީ އަތޮޅު ކައުންސިލުން ރަށްރަށުގައި ފައިދާއަށް ގިނަ ކަންކަން ކުރަމުން އަންނަކަމަށެވެ. އަދި ބައެއް އަތޮޅު ކައުންސިލްތައް މަސައްކަތް ނުކުރުމަކީ މުޅި ނިޒާމު ބަދަލުކުރަން ޖެހޭކަމެއް ނޫންކަމަށްވެސް ސުޖާއު އާދަމް ވިދާޅުވި އެވެ. 

" އަތޮޅު ކައުންސިލަކީވެސް ވަރަށް މުހިއްމު ކައުންސިލެއް. އަތޮޅު ކައުންސިލުން ވަރަށް ގިނަ ކަންކަން ކުރެވެމުން އެބަދޭ. މަދު ކައުންސިލަކުން ނުހިންގާ ގޮތަށް ކަންކަން ބައްޓަން ވެފައި ހުރުމަކީ މުޅި ނިޒާމަށް އަޅުގަނޑުމެން ބަދަލު ގެނަން ޖެހޭކަމެއްގެ ގޮތުގައި އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ." ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް ސުޖާއު އާދަމް ވިދާޅުވިއެވެ.

ސުޖާއު ވިދާޅުވީ އަތޮޅު ކައުންސިލުން އަތޮޅު ލެވެލްގައި މުހިއްމު ކަންކަން ކުރަމުން އަންނަކަމަށެވެ. އެގޮތުން ގައުމީ ފެންވަރަށް ކުދިން ނެރި މީހުން ބިނާކުރާކަން ސުޖާއު ފާހަގަކުރެއްވިއެވެ. 

your imageސުޖާއު ވާހަކަދައްކަވަމުން ގެންދެވިއިރު ރައީސް ޑރ. މުއިއްޒާއި ދާއިރާގެ މެމްބަރު ހަސަން ޒަރީރު 

ސުޖާއު ވަނީ ރަށު ކައުންސިލް މެމްބަރުންގެ އަދަދު މަދުކުރަން ރައީސް އިއުލާންކުރެއްވި ނިންމެވުމުންވެސް ކައުންސިލްތައް ހިންގަން އުނދަގޫވާނެކަން ސާފުކޮށްދީފައެވެ. އެގޮތުން ތިން ކައުންސިލަރުން ތިބޭއިރު އެކަކު ޗުއްޓިގައި ހުރެ އަނެކަކު ބަލިވެއްޖެނަމަ ކައުންސިލް މަސައްކަތް ނުކުރޭވެނަކަން ފާހަގަކޮށް އެ ނިންމުމާއި މެދުވެސް ވިސްނުމަށް ސުޖާއު ވަނީ ގޮވާލައްވާފައެވެ. 

" އަޅުގަނޑު ހަމަ ރައީސްގެ އަރިހުން އެދެން އަޅުގަނޑުމެން ކައުންސިލްތަކުން މި ދައްކާ ވާހަކަ ރައީސް އަޑުއައްސަވާ އިތުރަށް މިކަމާއި މެދު ވިސްނުންފުުޅު ބެހެއްޓުން." ރައީސް މުއިއްޒު ކުރިމަތީގައި އިންނެވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސުޖާއު ވިދާޅުވިއެވެ.

ސުޖާއު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުން ކައުންސިލް ހިންގުމަށް ދަތިވަމުން އަންނަކަމަށެވެ. 

ލާމަރުކަޒީ ގާނޫނަށް މިފަހުން ގެންނަ ގިނަ ބަދަލުތަކަށް ކައުންސިލްތަކާއި އިދިކޮޅުގެ ހިޔާލު ތަފާތުވުން ވަރަށް ބޮޑުވެފައިވާއިރު "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގާނޫނު އަސާސީ އިސްލާހްކޮށް އަތޮޅުތަކުގެ ހިންގުން މިހާރަށްވުރެ ވަރުގަދަކޮށް އަތޮޅުގެ ވަސީލަތް ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަށް ގާނޫނޫ އަސާސީ ބަދަލުކުރުމަށް ހުށައެޅުން ތަކެއް ހިމަނާ ކަރުދާހެއް ސިޔާސީންނާއި ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ. އެގޮތުން އެދޭ ރާއްޖެ ކަރުދާހުގައި ބުނާ އަތޮޅު ހިންގުމަކީ...

  1. އަތޮޅު ހިންގުން

މައްސަލަ: 

ދިވެހިރާއްޖޭގެ ހުރިހާ ވަސީލަތެއްހެން، ދައުލަތުގެ ބަޖެޓާ ގުދުރަތީ ވަސީލަތްތައް ކޮންޓްރޯލް ކުރަމުންދަނީ މައި ސަރުކާރުންނެވެ. އަދި އޭރެއްގެ ސަރުކާރު ހިންގުމާ ހަވާލުވާ ފަރާތްތަކުން މި ވަސީލަތްތައް ނަހަމަ ގޮތުގައި އަމިއްލަ ނުވަތަ އެފަރާތްތަކުގެ ސިޔާސީ މަންފާއަށް ބޭނުންކުރާ ކަމުގެ ޝަކުވާ ކުރެވެއެވެ. މިގޮތަށް ދައުލަތުގެ މާލީ އަދި  ގުދުރަތީ ވަސީލަތްތައް މަރުކަޒީ ބާރުގެ ދަށުގައި އޮތުމަކީ މުޅި ރާއްޖޭގެ ތަރައްގީއަށް ހުރަސް އެޅި، ތަރައްގީ މަރުކަޒުވެ، މާލެ ސަރަހައްދު ތޮއްޖެހި، ރައްޔިތުންގެ މެދުގަ ފަރަގު ބޮޑުވަމުންދާން މެދުވެރިވާ ސަބަބެކެވެ.

'އެދޭ ރާއްޖެ' ހުށަހެޅުން: 

އަތޮޅު ހިންގުމަކީ ގާނޫނު އަސާސީން ބާރު ލިބިގެން ގައުމީ ތަސައްވަރު ހާސިލު ކދިގު ރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނަށް ވާސިލުވުމަށްޓަކައި އަތޮޅު ތަރައްގީކޮށް ހިންގުމަށް އަތޮޅުތަކުގައި ގާއިމު ކުރާ ހިންގުމުގެ ނިޒާމެއްގެ ގޮތުގައި ކަނޑައަޅައި، ވީހާވެސް ހަމަހަމަކޮށް ދައުލަތުގެ ހިދުމަތްތަކާ ތަރައްގީ ވާސިލުކޮށް، ތަރައްގީގެ ދުވެލި އަވަސްކޮށް، ވީހާވެސް ގިނަ ރައްޔިތުން ތަރައްގީގެ ކަންކަމުގައި ބައިވެރި ކުރުވުމަށް ތިރީގައިވާ ކަންކަން ހުށަހަޅަމެވެ.

  1. ކައުންސިލްތަކާ، މަދަނީ މުޖުތަމައުއާ، ރައްޔިތުންގެ މައުނަވީ ބައިވެރިވުމާއެކު ފަރުމާކޮށް ގައުމީ ތަރައްގީގެ ތަސައްވުރާ ޕްލޭންއެއް އެކުލަވާލާ، ގާނޫނީ ބާރުދިނުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން.
  2. އަތޮޅު ތަރައްގީ ކަށަވަރު ކުރުމާއި، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ގައުމީ ތަރައްގީގެ ޕްލޭން ތަންފީޒު ކުރުވުމަށްޓަކައި، އަތޮޅުގައިވާ ގުދުރަތީ ވަސީލަތްތައް ހިމެނޭގޮތުން ދައުލަތުގެ ވަސީލަތްތަކުގެ ހައްގު އިންސައްތައެއް ކައުންސިލްތަކަށް ލިބޭނެ ގޮތް ކަނޑައެޅުން (ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް މިހާރު ލިބެނީ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީގެ 5 އިންސައްތަ އަދި ބިމު ކުލީގެ 40 އިންސައްތަ).
  3. ދިގު ރާސްތާގެ ގައުމީ ތަރައްގީގެ ޕްލޭނަށް ވާސިލުވުމަށްޓަކައި އަތޮޅުގެ އިހުތިސާސާއި ބާރު ގާނޫނުއަސާސީގައި ކަނޑައެޅުން.
  4. އަތޮޅު ކައުންސިލްގެ ރައީސްއާއި ނައިބު ރައީސް ސީދާ އަތޮޅުން އިންތިހާބުކުރުން.
  5. އަތޮޅު ކައުންސިލް ރައީސް އަދި ނައިބު ރައީސް ދުވަހުން ދުވަހަށް މަސައްކަތަށް ނުކުންނަން ޖެހޭނެގޮތަށް ކަނޑައެޅުން.
  6. އަތޮޅު ކައުންސިލްގެ އެހެން މެމްބަރުންނަކީ ކައުންސިލް ބައްދަލުވުންތަކަށް ހާޒިރުވާ މީހުންކަމަށް ކަނޑައެޅުން.
  7.  ކައުންސިލްގެ އެކުލެވިގެންވަނީ އަތޮޅުގެ ކޮންމެ ރަށަކުން އިންތިހާބު ކުރާ ބައެއްކަމަށް ކަނޑައެޅުން.
  8. އަތޮޅު ހިންގުން ޔަގީން ކުރުމަށް އެކަމަށް ގާބިލް ފަރާތްތައް ކައުންސިލްތަކަށް ގެނައުމުގެ ބޭނުމުގައި އެފަރާތްތަކުގެ ޝަރުތުތަކާމެދު މަޝްވަރާ ކުރުން.

ނަތީޖާ: 

ހަރުދަނާ ލާމަރުކަޒީ ނިޒާމެއް އެކުލަވާލައި، އެކަށޭނަ ވަސީލަތް ގާނޫނުއަސާސީ މެދުވެރިކޮށް ދީފިނަމަ ތަރައްގީގެ ކަންކަމުގައި ގިނަ ރައްޔިތުންގެ ބައިވެރިވުން ކަށަވަރު ކުރެވި، ގައުމީ ތަރައްގީގެ ކަންކަމަކީ އޭރަކު އޮންނަ ސަރުކާރަކުން ކުއްލި ކުއްލިއަށް ހިންގާ މަޝްރޫއުތަކަކަށް ވުމުގެ ބަދަލުގައި ދުރާލާ ރޭވިގެން، ދިގު ރާސްތާގެ ތަސައްވުރަކާއެކު ހިންގާ މަޝްރޫއުތަކަށްވެ، މާލެ ސަރަހައްދަށް ތޮއްޖެހުން ކުޑަ ކުރެވި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ދުވެލި ހަލުވި ވެގެންދާނެ އެވެ.

"އެދޭ ރާއްޖެ" ކެމްޕޭނުގެ ބޭނުމަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމް އިސްލާހީ މަގަށް އެޅުވުމަށްޓަކައި ރައްޔިތުންނާ، މަދަނީ މުޖުތަމައުއާއި، ކައުންސިލްތަކާއި މީޑިއާއާއި، ސިޔާސީ ޕާޓީތަކާއި، ޒުވާނުން ހިމެނޭހެން ދައުލަތުގެ ހިންގުންތެރީންގެ މެދުގައި ބަހުސް އުފައްދައި، އިސްލާހީ ހަރަކާތަކަށް މަގު ކޮށުމެވެ.  

އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.

  • އެދޭ ރާއްޖެ ކަރުދާހަށް ހިޔާލު ފޮނުއްވުމަށް: [email protected]
86%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް