
ސްޓްރޯ ހެޓް ޕައިރޭޓްސްގެ ފަންނުވެރި ކައްކާ ސަންޖީގެ ދައުރު އަދާކުރާ ސްކައިލާ، އޭނާގެ އެމްބެސެޑާޝިޕްގެ ތެރޭގައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ސަގާފީ މުއްސަނދިކަމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ހާއްސަކޮށް އެޑްވެންޗާ ޓޫރިޒަމްގެ ފުރުސަތުތައް ޕްރްމޯޓްކުރުމުގައި ހަރަކާތްތެރިވާނެކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ބުންޏެވެ.
އިންސްޓަގްރާމްގައި 1.8 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި ސްކައިލާގެ ޕޯސްޓުތަކަށް އެވްރެޖްކޮށް 45،000 ލައިކް އަދި 300 އަށްވުރެ ގިނަ ކޮމެންޓް ލިބޭއިރު، މިފަދަ ނުފޫޒެއް އޮތުމުން، ވިޒިޓް މޯލްޑިވްސްއަށް އާ ބައިނަލްއަގުވާމީ އޯޑިއަންސްތަކަކާ ހަމައަށް ރާއްޖޭގެ ޓޫރިޒަމްގެ ވާހަކަތައް ގެންގޮސްދިނުމުގެ ފުރުސަތު ލިބޭނެކަމަށް ވީއެމްސީން ބުންޏެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ މި މަހުގެ 27 އިން އަންނަ މަހުގެ 15 އަށް ކުރާ ދަތުރެއްގައި ސްކައިލާ ރާއްޖެ ވެސް އަންނަން ހަމަޖެހިފައިވާ ކަމަށެވެ. އޭނަގެ މި ދަތުރުގެ ތެރެއިން އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ރާއްޖެ ދައްކައިލާނެ އެވެ.
ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑާ ޕްރޮގްރާމްގެ ދަށުން ދާދި ފަހުން ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް ވެސް އެމްބެސެޑަރަކަށް ހަޖައްސާފައިވެ އެވެ.
ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑާޝިޕް ޕްރޮގްރާމަކީ ބައިނަލްއަގްވާމީ އޯޑިއަންސްތަކުގެ ތަފާތު ގިންތިތަކަކަށް ދިވެހިރާއްޖެ ޕްރޮމޯޓްކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަދި މަޝްހޫރު ޝަހްސިއްޔަތުތަކުގެ މާކެޓިން ނުފޫޒާއެކު، ދިވެހިރާއްޖެއަކީ ބައިނަލްއަގްވާމީ އިންފްލުއެންސަރުން އެންމެ ގިނައިން ވާހަކަދައްކާ މަންޒިލުތަކުގެ ތެރެއިން އެއް މަންޒިލަށް ހެދުމާއި، މަންޒިލަށް އާ ދޮރުތައް ހުޅުވުމާއި، އެފަރާތްތަކުގެ އަމިއްލަ ތަޖުރިބާގެ އަލީގައި ދިވެހިރާއްޖޭގެ ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމާއި، ދިވެހި ސަގާފީ ތަޖުރިބާތަކާއި ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދިނުމަކީވެސް މި ޕްރޮގްރާމުގެ އެއް ބޭނުމެވެ.