
ރައީސް މިހެން ވިދާޅުވީ އއ. އަތޮޅަށް މިހާރު އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
ތޮއްޑޫއަކީ ދަނޑުވެރިކަމާ ފަތުރުވެރިކަން ކުރިއަރާފައިވާ ރަށެއްކަމް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ރަށްރަށުގެ އިގްތިސާދީ މަސައްކަތް ކުރިއެރުވުމަށް ކަމަށެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން 80 ވަރަކަށް ވިޔަފާރި ތޮއްޑޫގައި ހިނގާއިރު އެ ރަށުގައި ފަތުރުވެރިކަމަށް އެތައް އެނދެއް ހުރިކަން ރައީސް ފާހަގަކުރައްވާ ރައީސް ވިދާޅުވީ ތޮއްޑޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް އިތުރަށް ކޮށްދެވެން ހުރި ކަންކަން ސަރުކާރުން ކޮށްދެއްވާނެ ކަމަށެވެ.
އެގޮތުން އަންނަ އަހަރުގެ ފެބްރުއަރީ މަހު އެ ރަށަށް ސީޕްލޭންގެ ހިދުމަތް ފައްޓަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިދިޔަ ހަފުތާގައި ރައީސް ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކަމަދުއަށްވެސް ސީޕްލޭންގެ ހިދުމަތް ވަނީ ފަށާފައެވެ. މި ހިދުމަތް އެ ރަށަށް ފަށާފައިވަނީ އަމިއްލަ ކުންފުންޏެއްކަމަށްވާ ހޯކްސް ކުންފުންޏާ ގުޅިގެންނެވެ.