ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން ވަނީ މީޑިއާތައް ކޮންޓްރޯލްކުރާ ބިލެއް ހުށަހަޅާފައެވެ. އެ ބިލަށް ސަރުކާރުން ތާއިދުކޮށްފައިވާއިރު، އައިއެފްޖޭއިން މިއަދު ވަނީ، އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ވަނީ، މީޑިއާގެ މިނިވަންކަން ގެއްލޭ ގޮތަށް މަޖިލީހަށް ބިލެއް ހުށަހެޅުން ކުށްވެރިކުރާ ކަމަށެވެ. އެގޮތުން، މީޑިއާ ރެގިއުލޭޓުކުރުމަށް ދާއިރާގެ ފަންނީ މީހުންގެ މަޝްވަރާއާއި ބައިވެރިވުން ބޭނުންވާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ނޫސްވެރިންނާއި މީޑިއާތަކުގެ ބައިވެރިވުމެއް ނެތި ނިންމުންތައް ނިންމަން އުޅުމަކީ ނޫސްވެރިން ބާރުވެެރިކުރުމާއި މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅި, އެ ދާއިރާގެ ހަގީގީ މަގުސަދާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް އައިއެފްޖޭން ބުނެފައިވެ އެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު އިއްޔެ މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގައި ވަނީ އެމްއެމްސީ އާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ ޒިންމާތައް އެއްކޮށްލައި، މީޑިއާ ކޮމިޝަނާ ހަވާލުކުރާ ގޮތަށެވެ.
ބިލްގައިވާ ގޮތުން އެއްލައްކަ ރުފިޔާއާ ހަމައަށް ނޫހެއް ޖޫރިމަނާކުރުމުގެ ބާރު އަލަށް އުފައްދާ ކޮމިޝަނަށް ލިބެ އެވެ. އަދި ނޫހެއްގެ މައްސަލައެއް ބަލަމުން ދަނިކޮށް އެ ނޫހެއްގެ ރަޖިސްޓަރީ ވަގުތީ ގޮތުން ހިފެހެއްޓުމާއި ކޯޓަށް ގޮސްގެން ރަޖިސްޓަރީ ބާތިލްކުރުމުގެ ބާރުވެސް ކޮމިޝަނަށް ދީފައިވެ އެވެ. އަދި ނިއުސް ވެބްސައިޓެއް ބްލޮކް ކުރުމާއި ޓީވީގެ ބްރޯޑްކާސްޓް ހުއްޓުވަން އެންގުމުގެ ބާރުވެސް ކޮމިޝަނަށް ދީފައިވެ އެވެ.
ބިލްގައިވާ ގޮތުން އަލަށް އުފައްދާ ކޮމިޝަނަށް ބެލޭނީ ބިލް ތަސްދީގު ކުރާ ދުވަހުގެ ކުރިއަށް އެއް އަހަރަށް ވުރެ ގިނަ ދުވަސް ނުވާ މައްސަލަތަކާއި ތަސްދީގު ކުރާ ފަހުން ހުށަހަޅާ މައްސަލަތަކެވެ. އާ ކޮމިޝަނަށް މެންބަރުން އައްޔަންކުރެވެންދެން ވަގުތީ ގޮތުން ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ.
ނޫސްވެރިންނަށް ލިބިފައިވާ ގިނަ ބާރުތަކެއް ހިފަހައްޓާފައިވާ މި ބިލާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައިފަ އެވެ. އެކަމަކު، ސަރުކާރުން ބިލަށް ތާއީދުކޮށްފައިވާއިރު، ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުގެ ގިނަ މެންބަރުން ވަނީ ބިލަށް ތާއީދުކުރައްވާފަ އެވެ.