ads
20 ވަނަ ރައްޔިތުން މަޖިލިސްގެ ޖަލްސާއެއްގެ ތެރެއިން
ތެލެސީމިއާ ގާނޫނަށް ގެނައި އިސްލާހު އަނބުރާ ފޮނުވާލައިފި
ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނުމަށް އެދިވަޑައިގެން ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް އެއްވަނަ އިސްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އަނބުރާ ފޮނުއްވައިފި އެވެ.
Advertisement

މި ބިލަކީ، މި މަހުގެ 6 ވަނަ ދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރައްވައި، ތަސްދީގުކުރެއްވުމަށް ފޮނުއްވާފައިވާ ބިލެކެވެ.

ރައީސް އޮފީހުން ބުނީ ރައީސް މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ބިލަށް އިތުރު އިސްލާހުތަކެއް ގެނައުމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް އާއި ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކުން ބައެއް ހުށަހެޅުންތައް ލިބިފައިވާތީ ކަމަށެވެ.

ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ހިދުމަތްތަކަކީ ވަށާޖެހިފައިވާ ގައުމީ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭ ހިދުމަތަކަށް ހެދުމަށްޓަކައި ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ވީހާވެސް ފުރިހަމަކަމާއެކީ ހާސިލުކުރެވޭނެ ގޮތަށް އެ ބިލު މުރާޖާކުރައްވައި ބިލަށް އިސްލާހު ގެންނަވަން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާތީ މި ބިލު އިސްލާޙްކުރުމަށް އެ މަނިކުފާނު ނިންމެވީ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރު ހުށަހެޅުއްވި ބިލްގައި ވަނީ ތެލަސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނި ކުރުމުގެ އުސޫލުތައް ގާނޫނުގައި ކަނޑައެޅުމަށް ހިމަނާފަ އެވެ. އެގޮތުން ތެލަސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރުމާ ގުޅޭ މާއްދާއެއް ވަނީ ގާނޫނަށް އިތުރުކޮށްފަ އެވެ. މީގެކުރިން ގާނޫނުގައި އޮންނަނީ ތެލަސީމިއާއަށް ޓެސްޓުކުރުމުގައި ފަރުދުންގެ ޒިންމާއާ ގުޅޭ މާއްދާއެކެވެ.

މި ގާނޫނަށް އިތުރުކުރާ މާއްދާގައި ބުނެފައިވަނީ ކައިވެނިކުރަން އެދޭ ދެ ފަރާތުންވެސް ކައިވެނި ކުރުމަށް ހުއްދައަށް އެދި ރަޖިސްޓްރާއަށް ހުށަހަޅަންޖެހޭނީ ތެލަސީމިއާ ޓެސްޓް ކުރުމަށްފަހު އޭގެ ނަތީޖާއާއެކުގައި ކަމަށެވެ. އަދި އެ ނަތީޖާއަށް ބަލައި އެ ދެ މީހުންނަކީ ތެލަސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކަމުގައިވާނަމަ، އެފަދަ ކައިވެންޏެއް ކޮށްދެވޭނީ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ކަނޑައަޅާ ކަންކަން ފުރިހަމަވާ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށް ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން ތެލަސީމިއާ އެންޑް ހިމޮގްލޮބިނޯޕެތީސް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގެ ޝަރުތުތައް މުރާޖައާ ކުރުމަށާއި އެ މަގާމުގެ މަސްއޫލިއްޔަތުތައް ގާނޫނުގައި ބަޔާންކުރުންވެސް ބިލުގައި ހިމަނާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް