
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އުކުޅަހަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. މި މަޝްރޫއު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށްފައިވާއިރު އެކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފެވެ.
އެމްއޭސީއެލް އިން ބުނީ މި މަޝްރޫއުއަކީ ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ކުޅިވަރާއި ހެށިހެޔޮކަމާބެހޭ ވުޒާރާ އާއި އެމްއޭސީއެލްއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ހިމެނޭ މަޝްރޫއެއް ކަމަށެވެ.
މި ދެ ރަށަކީވެސް އައުޓް ޑޯ ޖިމާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރާއި އެކި ކަހަލަ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ދެ ރަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްް ތަރައްޤީކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.
ސަރުކާރުން މަސައްކަތްކުރަނީ މުޅި ރާއްޖެއަށް ކުޅިވަރުތައް ފުޅާކޮށް ބައިނަލްއަގްވާމީ ފެންވަރުގެ ވަސީލަތްތައް އަތޮޅުތެރޭގައިވެސް ގާއިމުކުރުމެވެ. އަދި އަތޮޅު ތެރެއިން ގައުމީ ފެންވަރުގެ އެލީޓް އެތުލީޓުން އުފެދިގެން އައުމަށް މަގުފަހިކޮށްދިނުމެވެ.
ސްޕޯޓްސްް ކޮމްޕްލެކްސްތައް ޤާއިމުކުރުމުގެ އިތުރުން ރަށްރަށުގައި ހޭންޑްބޯޅަ އާއި ފުޓްބޯޅަ އަދި އެހެނިހެން ކުޅިވަރު ވަސީލަތްތައް ގާއިމުކުރެއްވުމަށް ހާއްސަ އިސްކަމެއް ދެއްވާކަމަށް ސަރުކާރުން ބުނެއެވެ.