
މާޅޮހު އަނިޔާވެރި މަރާ ގުޅިގެން، ތިން މީހުން ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް، އެއީ ކޮންބައެއްކަން ފުލުހުން އަދި ހާމަ ނުކުރެއެވެ. އެކަމަކު އެ ތިން މީހުންގެ ވަނަވަރު ސޯޝަލް މީޑިއާގައި މިހާރުވަނީ އާއްމުވެފައެވެ.
އއ. މާޅޮހުގައި ގޭގައި ނިދާފައި އޮއްވައި ބޮލަށް ހަމަލާދިނުމު މަރުވި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލާގައި ތިން މީހަކު ހައްޔަރު ކުރި ކަމުގެ ރިޕޯޓްތައް ލިބެމުންދާއިރު، ރިޕޯޓްތައް ބުނާ ގޮތުން އޭގެ ތެރެއިން ދެ މީހުން ހައްޔަރު ކުރީ އެ ރަށުންނެވެ. އަނެއް މީހާ ހައްޔަރު ކުރީ މާލޭންނެވެ. ތިން މީހުންނަކީވެސް މާޅޮހު މީހުންނެވެ.
އެ މައްސަލައާ ގުޅިގެން ތިން މީހުން ހައްޔަރު ކުރިކަމުގެ ރިޕޯޓްތައް ލިބެމުންދާއިރު، މީގެ ކުރިން ތިން މީހެއްގެ ފޯނާއި ބައެއް ސާމާނު ފުލުހުން ހިފެހެއްޓީއެވެ. އެ ތިން މީހުންނަކީ ސިޔާސީ މަގާމެއްގައިހުރި މީހަކާއި ސަރުކާރު ކުންފުންޏެއްގައި މަސައްކަތް ކުރާ ދެ މީހުންކަން ވަނީ އެނގިފަ އެވެ. އެކަމަކު ހައްޔަރު ކުރި މީހުންނަކީ އެ ތިން މީހުން ކަމެއް އަދި ޔަގީނެއް ނުވެއެވެ.
އަބްދުއްރަހްމާން ހަމަލާދީ މަރާލީ އއ. މާޅޮސް، މާހިޔާ ގޭގައި އޭނާ ނިދާފައި އޮއްވަ އެވެ. އެ ގެއަކީ އޭނާގެ ހުވަފަތް އަންހެނުން، ނާޒިމާގެ ގެ އެވެ. އަބްދުއްރަހްމާންގެ ގާތިލު އޭނާއަށް ހަމަލާދިން ވަގުތު އެ ގޭގައި ދިރިއުޅެމުން ދިޔައީ އަބްދުއްރަހްމާންގެ ދެމަފިރިން އެކަންޏެވެ. އަބްދުއްރަހްމާން މަރައިލީ ސީދާ ކޮން ސަބަބަކާ ހެދި، ކޮންބައެއް ކަމެއް އަދި ނޭނގެ އެވެ.