
މި ބިލަކީ މިމަހުގެ 11 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އިން ފާސްކޮށްފައިވާ ބިލެކެވެ.
މި ގާނޫނުގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އިނޮވޭޝަނަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި، ގައުމުގެ އިގްތިސާދީ ތަރައްގީއަށް މަގުފަހިކުރުމަށްޓަކައި، މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކޮށް، އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރުމާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ކަނޑައެޅުމެވެ.
ގާނޫނަށް އަމަލުކުރަން ފެށުމާއެކު "މޯލްޑިވްސް އިންޓަލެކްއަލް ޕްރޮޕަޓީ އޮފީސް"ގެ ނަމުގައި ސަރުކާރު އިދާރާއެއް އުފެދޭނެ އެވެ.
މި އޮފީހުގެ ކަންކަން ބަލަހައްޓާނީ އިގްތިސާދީ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަކުން ކަމުގައި ގާނުނުގައި ބަޔާންކޮށްފައިވެ އެވެ. މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ، ރަޖިސްޓްރާ އޮފް އިންޓަލެކްޗުއަލް ޕްރޮޕަޓީ އެވެ.
މި ގާނޫނުގައި ރަޖިސްޓްރާ އޮފް އިންޓަލެކްޗުއަލް ޕްރޮޕަޓީ އައްޔަނުކޮށް ވަކިކުރާނެ ގޮތާއި، ރަޖިސްޓްރާގެ ޝަރުތުތަކާއި، ރަޖިސްޓްރާގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އޮފީހުގެ އިދާރީ މުވައްޒަފުންނާ ގުޅޭ އުސޫލުތައް ތަފްސީލީ ގޮތެއްގައި ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން ފިކުރީ މުދަލުގެ ދަފްތަރު ބެލެހެއްޓުމުގެ އުސޫލުތަކާއި، ގާނޫނުގެ ދަށުން ރަޖިސްޓްރާ ނިންމާ ނިންމުންތަކާ ގުޅިގެން އަމަލުކުރާނެ ގޮތްވެސް ބަޔާންކޮށްފައިވެ އެވެ.
ރައީސް، ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ގާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.