
ޔާމީންގެ ޕީއެންއެފުން ރޭ ވަނީ ފުރަތަމަ ފަހަރަށް ސިޓިން ރޫމުން ނުކުމެ މާލޭގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ.
އާޓިފިޝަލް ބީޗުގައި "ވޭކްއަޕް"ގެ ނަމުގައި ބޭއްވި މި ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައިވެއެވެ. މި ޖަލްސާގައި ބައިވެރިވާން ބައެއް ރަށްތަކުން މާލެއަށް މީހުން އައިކަމަށް ރައީސް ޔާމީން ރޭ ވަނީ ވިދާޅުވެފައެވެ.
މި ޖަލްސާގައި ސަރުކާރަށް ފާޑު ވިދާޅުވެ ރައީސް ޔާމީން ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ރޭގެ ޖަލްސާއަށް 200 މީހުން ގެންދިޔައީ ޔާމީން ދައުލަތުން ވަގަށް ނަގާފައިވާ ފައިސާއިން ބޮލަކަށް 1200 ރުފިޔާ ދީގެން ކަމަށެވެ. އެހެންނަމަވެސް އެވަރުންވެސް ޖަލްސާގައި ތިބި ދެބައިކުޅަ އެއްބައި މީހުންނަކީ ބަންގްލަދޭޝް މީހުން ކަމަށް ފަލާހް ވިދާޅުވިއެވެ.
ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް ޔާމީން ފާޑު ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ފަލާހު ވަނީ ޔާމީން ވެރިކަމުގައި 18 ވަނަ މަޖިލީހުގައި މެމްބަރުންނާއި މެދު ކަންކުރި ގޮތް ހަނދާނުގައި ނެތީތް ސުވާލުކޮށް އެ ވާހަކަތައް ދައްކާފައެވެ.