
ބީއެމްއެލުން ބުނީ، މިއީ މިދިޔަ އަހަރު ބޭންކު ފަންޑުގެ ދަށުން އެހީ ލިބުނު ވޭމަންޑޫގެ ޒުވާނުންގެ ގުޅުމުން ހިންގި މަޝްރޫއެއް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތްކުރި ކްލާސްރޫމް ތައްޔާރުކުރީ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ގާބިލުކަން އިތުރުކޮށް، އެހެން މީހުންނާ ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރު ތަރައްގީކުރުމާއި އެ ކުދިންގެ ތައުލީމީ ބޭނުންތަކަށް އިސްކަންދީގެން ކަމުގައި ބީއެމްއެލުން ބުނެފައި ވެއެވެ.
ވޭމަންޑޫ ޒުވާނުންގެ ގުޅުމުގެ ރައީސް އަހުމަދު ޝައުގަތު ވިދާޅުވީ މި މަޝްރޫއުގެ މަގްސަދަކީ އުގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަކުރެވޭ ކުލާހަކުން ތަފާތު ހަރަކާތްތައް ހިންގޭނެ ގޮތެއް ފަހިކޮށްދިނުން ކަމަށެވެ.
ބީއެމްއެލުން ބުނީ، މި އަހަރުގެ މިހާތަނަށް ހިރިޔާ ސްކޫލާއި ހުޅުމާލޭގައި ހުންނަ ސަލާހުއްދީން ސްކޫލުގައި ސެން ކްލާސްރޫމްތައް ތަރައްގީކޮށްފައިވާނެ ކަމަށެވެ. މި ދެ މަޝްރޫއުގެ ސަބަބުން 200 އަށްވުރެ ގިނަ ދަރިވަރުންގެ އުނގެނުމުގެ މާހައުލު ތަރައްގީކުރެވިފައިވާނެ ކަމަށް، ބޭންކުން ބުންޏެވެ.
މި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭ ބީއެމްއެލުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 40 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ހަދިޔާކޮށްފައިވާ ކަމަށް ވެސް، ބޭންކުން ބުންޏެވެ.