
ލަންކާގެ ނޫސްތައް ބުނާގޮތުގައި 2023 ވަނަ އަހަރު ކިއުބާގެ, ހަވާނާގައި ބޭއްވި, ޖީ77 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި ލަންކާއަށް ވަޑައިގަތުމުގެ ކުރިން ރަނިލް ލަންޑަނުގައި މަޑުކުރެއްވެވިއެވެ. މި މަޑުކުރެއްވުމުގައި ރަނިލް އާއި އަނބިކަނބަލުން ވަނީ އިނގިރޭސި ވިލާތުގެ ޔުނިވާސިޓީއެއްގައި ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންފަ އެވެ.
މި ތުހުމަތު ކުރެވުމުން ރަނިލް ކުރިން ވަނީ, އަނބިކަނބަލުން އަމިއްލަފުޅަށް އެ ދަތުރުފުޅުގެ ހަރަދުތައް ދައްކަވާފައިވާ ކަމަށާއި، އެ ދަތުރުފުޅުގައި ދައުލަތުގެ އެއްވެސް ފައިސާއެއް ބޭނުންކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް, ސީއައިޑީއިން ބުނެފައި ވަނީ މި ދަތުރުފުޅުގައި ރަނިލް ދައުލަތުގެ ފައިސާ ބޭނުންކުރެއްވީ މައިގަނޑު ގޮތެއްގައި އަމިއްލަފުޅު ބޭނުމަށް ކަމަށާއި އޭގެ ތެރޭގައި ބޮޑީގާޑުންގެ ހަރަދުތައް ކުރުމަށް ސަރުކާރުގެ ފައިސާ ބޭނުންކުރުން ހިމެނޭ ކަމަށެވެ.
ލަންކާގެ ނޫސްތަކުގައިވާ ގޮތުން ކޮލަމްބޯގައި ހުންނަ ނޭޝަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ރަނިލްއަށް މިއަދު ފަރުވާދޭން ފެށީ ޖަލުގެ ހޮސްޕިޓަލްގައި ފަރުވާގައި ދެވޭ މިންވަރަށް ވުރެ ހާލަތު ގޯސްވުމުންނެވެ. އަދި އިއްޔެ ރަނިލްގެ ބަންދު މުއްދަތު ކޯޓުން އިތުރުކުރުމުން ވެސް އޭނާއަށް ޖަލުގެ ހޮސްޕިޓަލްގައި ފަރުވާ ދީފައިވެ އެވެ.
ލަންކާގައި 2022 އިން 2024 އަށް ރައީސްކަން ކުރެއްވި ރަނިލްއަކީ ލަންކާގައި ސިޔާސީ ގޮތުން ވަރަށް ނުފޫޒުގަދަ ބޭފުޅެކެވެ. އޭނާ ވަނީ އެ ގައުމުގެ ބޮޑުވަޒީރު ކަން ފަސް ފަހަރެއްގެ މަތިން ކުރައްވާފަ އެވެ. ރަނިލް ވަނީ މިދިޔަ އަހަރު އެ ގައުމުގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރައްވައިފަ އެވެ. ނަމަވެސް އޭނާއަށް ކުރިމަތިވެވަޑައިގެންނެވީ ނާކާމިޔާބީއާ އެވެ.
ލަންކާގައި މިހާރު ވެރިކަން ކުރަމުން އަންނަ ސަރުކާރުން އަންނަނީ އެ ގައުމުގައި ހިންގާފައި ހުރި ހިޔާނާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގުކުރަމުންނެވެ.