
ފުލުހުންގެ ވަޒީފާގައި ހުއްޓާ ހައްޔަރުކުރީ ގދ.ތިނަދޫ، ދަފްތަރު ނަންބަރު 47، މުޙައްމަދު ސާޖިދު އަހުމަދުއެވެ. އޭނާ ގދ. ތިނަދޫން ހައްޔަރުކުރީ ވޭޕް ވިއްކާކަމުގެ މައުލޫމާތު ލިބިގެން އޭނާ ދިރިއުޅޭ ގެ އާއި ސައިކަލު ފާސްކުރިއިރު މަސްތުވާތަކެތި ފެނުމުންނެވެ. އެހެންނަމަވެސް ބަންދުގެ މަޖިލިހަށް ގެންދިޔުމުން ތިނަދޫ ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.
ދަށު ކޯޓުގެ ނިންމުން ދައުލަތުން ހައިކޯޓްގެ އިސްތިއުނާފުކުރުން އެ ފުލުސް މީހާ ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާ ހައިކޯޓުން ވަނީ ތިނަދޫ ކޯޓްގެ ހުކުމް ބާތިލުކޮށްފައެވެ. އަދި ސާޖިދު އަހްމަދުގެ ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ފުލުހުންގެ ހުށަހަޅައިފިނަމަ، ދެ ދުވަސްތެރޭގައި އެކަމާމެދު އަލުން ގޮތެއް ނިންމުމަށް އަންގާފައެވެ.
ފުލުހުން ބުނީ ހައިކޯޓުގެ އެ ނިންމުމާއި އެކު މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން އެ ފުލުސް މިހާ އަލުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔުމުން 20 ދުވަހަށް މުއްދަތަށް ބަންދުކުރުމަށް ތިނަދޫ ކޯޓުން އަމުރުކޮށްފައިވާކަމަށްްވެސް ފުލުހުން ބުނެއެވެ.
މި ފުލުސް މިހާ ދިރިއުޅޭ ގެއިން މަސްތުވާތަކެތި ފެނުނު މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާކުރުމަށް ވެސް ވަނީ މިމަހުގެ 21ގައި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފައިވާކަމަވސް ފުުލުހުން ވަނީ ބުނެފައެވެ.