
ހއ. އުތީމު އަލިމަސްގެ، އާދަމް އަބްދުއްރަޙްމާނަށް މި އިއްޒަތް އެރުވީ، މި އަހަރުގެ ގައުމީ ދުވަސް ފާހަގަކުރެއްވުމަށް އުތީމުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައެވެ. އާދަމް އަބްދުއްރަޙްމާން ވަނީ ދިވެހި ދައުލަތަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައެވެ.
އާދަމް އަބްދުއްރަހްމާނު، ނުވަތަ މަޝްހޫރު ނަމުން ދަންނަވާނަމަ އުތީމު އާދަމްބެ ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ، 26 އޮގަސްޓު 1965 ގައި ހއ. އުތީމު ކަތީބުކަމުގެ މަގާމުންނެވެ. ކަތީބުކަމުގެ މަގާމުގައި 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވުމަށްފަހު، ދެން އަދާކުރެއްވީ ހއ. އަތޮޅު އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމެވެ.
އާދަމް ޢަބްދުއްރަޙްމާނު ވަނީ ހއ. އަތޮޅުގެ އަތޮޅުވެރިކަން ތިންފަހަރެއްގެ މަތިން 11 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަދާކުރައްވައިފައެވެ. އާދަމް އަބްދުއްރަހްމާނު އުތީމު ކަތީބުކަމުގައި ހުންނެވި ދުވަސްވަރަކީ، އޭރުގެ ރަށުގެ ހާލަތު ހުރިގޮތުންނާއި ވަސީލަތްތައް ހުރިގޮތުން، އުނދަގޫ އެތައް ކަންތައްތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ދުވަސްވަރެކެވެ. 1970ގެ އަހަރުތަކުގައި ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށަށް ދިމާވި ކާޑު ލިބުން ދަތިވި މައްސަލަ ޙައްލުކުރެއްވުމަށްޓަކައި އެޅުއްވި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު، އުތީމުން އެއްވެސް މީހަކު، "ބަނޑަށް މަރުނުވެ" ފުރާނަ ސަލާމަތްކުރެވުނުކަން ހާއްސަގޮތެއްގައި ފާހަގަކޮށްލެވެއެވެ.
ސަރުކާރުން އޭރުގެ މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ރާއްޖެތެރެ ތަރައްގީކުރުމުގެ މަޝްރޫއުތައް ހިންގެވި ދުވަސްވަރު، މަސައްކަތް ކުރައްވަމުން ގެންދެވީ، މާލެއިން ރަށްރަށަށް ތަކެތި ގެންގޮސްގެން، މަސައްކަތްކުރާ ބަޔަކަށް އަގުދީގެން، އަތޮޅު އޮފީހުގެ ނުވަތަ ރަށުއޮފީހުގެ ބެލުމުގެ ދަށުން ކުރާ ކަމެއްގެ ގޮތުގައެވެ. އާދަމް އަބްދުއްރަހްމާން ހުށަހެޅުއްވީ، ކޮންޓްރެކްޓް އުސޫލުން އެފަދަ ކަންކަން ކުރެވޭނެގޮތަކަށް އުސޫލު ބަދަލުކުރެއްވުމަށެވެ. އެހެންކަމުން، އޭރުގެ މިނިސްޓަރަށް ދަންނަވައިގެން، އެ އުސޫލު ބަދަލުކުރައްވައި، ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރެވޭނެގޮތް ހަމަޖެހިގެންދިޔަކަން އެއީ، އެ މަގުން ކުރެވުނު ވަރަށް ކާމިޔާބު މަސައްކަތެއް ކަމަށް އާދަމް ޢަބްދުއްރަޙްމާން ދެކެވަޑައިގަންނަވައެވެ.
ތިލަދުންމަތީ އުތުރުބުރީ އަތޮޅުވެރިކަން ކުރެއްވުމަށްފަހު، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ މުދީރުގެ މަގާމުގައި އާދަމް އަބްދުއްރަހްމާން ތިން އަހަރަށްވުރެ ދިގު މުއްދަތެއްގައި ހޭދަކުރެއްވިއެވެ. އެ މަގާމުގައި ހުންނަވައި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު، ޒަމާނަށް ދެމިހުންނަނިވި ތާރީހީ ބިނާއެއްގެ ގޮތުގައި ބެހެއްޓެވުމަށް ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން އާދަމް އަބްދުއްރަހްމާން މަސައްކަތްޕުޅު ކުރެއްވިއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރާއްޖެތެރޭގެ ކިޔަވައިދޭ ތަންތާނގެ ނާޒިރުކަންވެސް އާދަމް އަބްދުއްރަހްމާން އަދާ ކުރައްވައިފައިވެއެވެ.
އާދަމް އަބްދުއްރަހްމާނަކީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިންވެސް ވަރަށް ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ރާއްޖޭގައި މިހާރު ތިއްބެވި ބަހާއި އަދަބުގެ ފަންނީ ބޭފުޅުންގެ ތެރެއިން އެންމެކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅެކެވެ. އާދަމް އަބްދުއްރަހްމާނަކީ، މޮޅު ލިޔުންތެރިއެކެވެ. އަދީބެކެވެ. ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. އޭނާގެ އެންމެ ހާއްސަ ފަންނަކީ، ޅެންވެރިކަމުގެ ފަންނެވެ.
ދިވެހި އަދަބިއްޔާތަށް ހިދުމަތް ކުރުމުގެ ދާއިރާއިން، ޅެންހެދުމުގެ ރޮނގުން 2004 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އާދަމް އަބްދުއްރަހްމާނަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި އޭގެ 12 އަހަރު ފަހުން، 2016 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ވަނީ ލިބިވަޑައިގެންފައެވެ.