
ޕާފޯމިން އާޓްސްގެ ދާއިރާއިން، މެޒޯ މޯޑަށް ޝަރަު އަރުވާފައިވަނީ އޭނާ ލަވަ ކިޔުމާއި، މިޔުޒިކް ކުޅުމުގެ ރޮނގުން ވަރަށް ހާއްސަ ގޮތެއްގައި ފާހަގަކޮށްލެވޭ އަދި ދިވެހިންގެ މެދުގައި އޭނާގެ ލަވަތަކަށް ހާއްސަ ޝައުގުވެރިކަމެއް ދެވިފައިވާތީކަމަށް ގައުމީ އިނާމު ކޮމެޓީން ބުނެއެވެ.
މުހައްމަދު މާޖިދު، ކުއްލި ގޮތަކަށް ނިޔާވީ މި އަހަރުގެ ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހުއެވެ. އޭނާގެ ފަރާތުން މި އިނާމާއި ހަވާލުވީ ދަރިފުޅު މީރާ މުހައްމަދު މާޖިދެވެ.
މުހައްމަދު މާޖިދު މިޔުޒިކުގެ ދާއިރާއަށް ވަނީ 1977 ވަނަ އަހަރު، އޭރުގެ މަޝްހޫރު ބޭންޑެއް ކަމަށްވާ ކޯބްރާސް ބޭންޑުންނެވެ. އެއީ، މަދްރަސީ ދައުރުގައެވެ. އޭރު މާޖިދުގެ އުމުރަކީ، އެންމެ 9 އަހަރު ކަމަށްވިޔަސް، އޭރުވެސް މާޖިދުގެ ކުޅަދާނަކަން ފެނިގެންދިޔައެވެ. ގިޓާގައި ކޯޑުއެޅުމަށާއި ބެރުޖަހަން އޭރު ދަސްކުރިއެވެ.
މިޔުޒިކުގެ ދާއިރާގައި މެޒޯމޯޑް ކުރި މަސައްކަތުން އެންމެ ފާހަގަކޮށްލެވެނީ ދިވެހި އަމިއްލަ އުފެއްދުންތަކަށް ދިވެހިންގެ ޝައުޤުވެރިކަން އުފެދެމުން އައި ދުވަސްވަރެއްގައި "މެޒޯ ބޭންޑް"ގެ ނަމުގައި މާޖިދު ބޭންޑެއް އުފައްދައިގެން އަދި އެ ބޭންޑުން އަމިއްލަ އުފެއްދުންތަކެއް ނެރެމުން ގެންދިޔަކަމެވެ. މެޒޯމޯޑްގެ އަމިއްލަ އުފެއްދުންތަކުގެ ލަވަތައް ވެގެންދިޔައީ، އާންމުންގެ ތެރޭގައި ހާއްސަކޮށް، ޒުވާނުންގެ މެދުގައި ވަރަށް މަޤްބޫލުކަން ލިބިގެންދިޔަ އުފެއްދުންތަކަކަށެވެ.
އެ ދުވަސްވަރު މަޝްހޫރު ވެގެންދިޔަ އަމިއްލަ ދިވެހި ލަވަތަކުގެ ތެރެއިން ހާއްސަ ގޮތެއްގައި ފާހަގަކުރެވުނު ލަވަތަކުގެ ތެރޭގައި "ކަމަނަގޯތީ އާދަނުތާ"، "ޖިސްމު"، "ރޯނުއެދުރު"، "ވެއްޖެ ކަމަކާ ޙައްޖާ ހަމައޭ"، "އެޅިކަނޑުމަތި"، "މާލިއަރާނޭ މާލިއަރާނޭ"، "އަކިރިދެމޭ" ފަދަ ލަވަތައް ހިމެނެއެވެ. އޭގެފަހުން، މަޝްހޫރުވި ލަވަތަކުގެ ތެރޭގައި، "އުޑުން ތަރިތައް"، "ވިސްނާ ވިސްނާ"، "ދާނެހޭ ތިހަނދާން ފިލާ"، ފަދަ ލަވަތައް ހިމެނެއެވެ.