މިހާރު ހދ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން އަންނަ ދަތުރުފުުގައި ރޭ ހަނިމާދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެރަށުގައި 500 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އަންނަ މަހު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކުރައްވާނޭކަމަށެވެ.
އެ މަސައްކަތް ކުރިއަށްގެންދަވާނީ، ވަކި ސަރަޙައްދެއްގައި ހައުސިން ޔުނިޓު އަޅައިދޭ ގޮތަށާއި، ގޯތީގައި ހައުސިން ޔުނިޓު އަޅައިދޭ ގޮތަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، ހިރިމަރަދޫއިން ހަނިމާދޫއަށް އެއްފަސްވާ އާބާދީއަށް އަމާޒުކޮށްގެން ހިންގާ ހައުސިން މަޝްރޫއު ކުރިއަށްގެންގޮސް، ކޯޓުގައި ހުއްޓިފައި އޮތް ހައުސިން މަޝްރޫއަށް ހުއްދަލިބުމާއެކު އެ މަޝްރޫއުވެސް ކުރިއަށްގެންދަވާނޭކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
2026 ގައި ފަށައި 2027 ގައި ނިންމާ ގޮތަށް، ރައްޔިތުން އެދޭ ކޮންސެޕްޓަކަށް، 17 ވަރަކަށް ކިލޯމީޓަރުގެ މަގުހެދުމުގެ މަޝްރޫއެއްވެސް ހަނިމާދޫގައި ކުރިއަށްގެންދިޔުމަށް ރާއްވަވާފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވަނީ ހަނިމާދޫ ސްކޫލްގެ އާ އިމާރާތް ބިނާކުރުމާއި އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. 8 ކްލާސްރޫމާއި ސްޓާފްރޫމާއި، ލެބް އެނޫންވެސް ވަސީލަތްތައް ގާއިމުކުރަން ހަވާލުކުރީ ފަހި ދިރިއުޅުން ކޯޕަރޭޝަނާ (އެފްޑީސީ) އާއެވެ.
ހަނިމާދޫގައި ފުލުހުންގެ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތާއި، 30 އެނދުގެ ހޮސްޕިޓަލެއް ތަރައްގީކުރުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފައްޓަވާނޭކަންވެސް ރައީސް މުއިއްޒު ރޭ ވަނީ އިއުލާންކުރައްވާފައެވެ. އަދި މި އަހަރު ނިމުމުގެ ކުރިން މިހާރު ހުރި މަރުކަޒުގައި ޑަޔަލިސިސްގެ ހިދުމަތް ފައްޓަވައި، އަންހެނުންގެ ހާއްސަ ޑޮކްޓަރަކާއި ކުޑަކުދިންގެ ޑޮކްޓަރެއްގެ ހިދުމަތްދޭން ފައްޓަވައިދެއްވާނޭކަމުގެ ޔަޤީންކަންވެސް ރައީސް މުއިއްޒު ދެއްވިއެވެ.