ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާއަށް ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ގެއްލުންތަކާ ބެހޭ ގޮތުން މަސީ އިން ތައްޔާރު ކޮށްފައިވާ ރިޕޯޓެއް އާންމު ކުރުމަށް ކުރިއަށް ގެންދިޔަ އޮންލައިން ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ޖަނާހު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން މިހާރުވެސް ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތުގެ 50 އިންސައްތަ ހީނަރުވެފައި ވާކަމަށެވެ.
ޖަނާހު ވަނީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އިމާރާތް ކުރުމުގެ ސިނާއަތަށް 617 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ގެއްލުންވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މި ދާއިރާގެ ކުންފުނިތައް ހިންގަން މަހަކު 205 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ވެސް ޖަނާހު ވިދާޅުވި އެވެ.
މަސީ އިން އާންމު ކުރި ރިޕޯޓުގައި ވާގޮތުން، އިމާރާތް ކުރުމުގެ ސިނާއަތަށް މިހާ ބޮޑު ގެއްލުމެއް ލިބިގެން މިދިޔައީ ކޮވިޑް-19 ގެ ސަބަބުން، މަޝްރޫއުތައް ހުއްޓިފައި ހުރުމުން ނެވެ.
އެގޮތުން މި ސިނާއަތަށް ލިބިފައިވާ އަދި ކުރިއަށް އޮތް ތަނުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ ގެއްލުން ތަކުގެ އިތުރުން މި ގެއްލުން ތަކުން އަރައި ގަތުމަށް ސަރުކާރުން ވެދެން ޖެހޭ އެހީތައް ވެސް ވަނީ ހިމަނާފައެވެ.
މިހާރު ނިމިފައި ހުރި މަޝްރޫއުތަކަށް ނުލިބި ހުރި ފައިސާ އަވަހަށް ހޯދައި ދިނުމަށް ވަނީ އެދިފަ އެވެ. އަދި ކުރިއަށް އޮތް ތިން މަސް ދުވަހު ކުންފުނިތަކަށް ދިމާވާނެ މާލީ ގޮންޖެހުން ތަކަށް އެހީތެރި ވުމަށް ލޯނު ދޫކޮށްދިނުމަށް ވަނީ އެދިފައެވެ.
ލޯނު އުސޫލުން ނަގާ މި ފައިސާ އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކެއް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މަސީގެ ރައީސް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން، މަސީ އިން ވަނީ ސްޓިމިއުލަސް ޕެކޭޖުތައް އަވަހަށް ފޯރުކޮށްދިނުމަށް އެދިފަ އެވެ. އަދި ފައިސާ ހަމަޖެހިފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އިސްކަންދީ، ހުއްޓިފައި ހުރި މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ހޯދަން އެހީވެ ދިނުމަށް ބަޔާނުގައި ވަނީ އެދިފައެވެ.
މާލެ ސަރަހައްދު ލޮކްޑައުން ކުރިއިރު ހިނގަމުންދިޔަ މަޝްރޫއުތައް ފިޔަވައި އެހެން ހުރިހާ ޕީއެސްއައިޕީ މަޝްރޫއުތައް ހުއްޓާލާފައި ވާއިރު، މަސީގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ޖުމުލަ އަގަކީ 2.795 ބިލިއަން ރުފިޔާ އެވެ. އަދި އަލަށް ފަށަން ނިންމައި ލޮކްޑައުންއާ ގުޅިގެން ނުފެށި ހުރި މަޝްރޫއުތަކުގެ އަގަކީ 7.2 ބިލިއަން ރުފިޔާ އެވެ.
މަސީ ގެ ރައީސް، ޖަނާހު ވަނީ ރާއްޖޭގެ އިގްތިސާދު މުޅިން ހީނަރުވިޔަ ނުދީ ހިފެހެއްޓުމަށްޓަކައި އިމާރާތް ކުރުމުގެ ސިނާއަތް ހުއްޓުނަ ނުދީ މަޝްރޫއުތައް ކުރިއަށް ގެންދިއުން މުހިންމުކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތް އަލުން ފަށައިގަތުމަށް ވަގުތު ނަގާއިރު، މި ހާލަތުގައި ވެސް އެންމެ ފުރަތަމަ ކުރިއަށް ގެންދެވެން އޮތީ އިމާރާތް ކުރުމުގެ މަޝްރޫއުތައް ކަމަށް ބޭރު ގައުމުތަކުން ވެސް ގަބޫލުކުރާ ކަމަށް ވިދާޅުވެފަ އެވެ.