
ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ހަސަން ރަޝީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
މަކުނުދޫގެ ބިން ހިއްކާ އިރު އެއާޕޯޓަށް ބޭނުންވާ ބިމުގެ އިތުރުން ރަށުގެ ބޭނުމަށް ވެސް 22 ހެކްޓަރު ހިއްކާނެ އެވެ. މަކުނުދޫ އެއާޕޯޓް ތަރައްގީކޮށް ނިމުމުން އެ އެއާޕޯޓް އޮޕަރޭޓް ކުރާނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ.
މަކުނުދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރީގެ ސަރުކާރުން ފެށި އެވެ. އަދި އެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކްރޮސް ސަބްސިޑީ އުސޫލުން މަސައްކަތް އޭރު ހަވާލުކުރީ މަސް ބޭރުކުރުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ބިގް ފިޝްއާ އެވެ.
މަކުނުދޫ އެއާޕޯޓަށް ބޭނުންވާ ބިން އޭރު ހިއްކީ އެ ރަށުގެ ދެކުނު ބިތުން ފެށިގެން, އެއް ފަޅެއްގެ ތެރޭގައި އޮންނަ ހުރައާ ދޭތެރޭގަ އެވެ. އޭރު ހިއްކީ ކިތައް ހެކްޓަރު ކަމެއް އަދި އޭގެ ފަހުން އެ މަސައްކަތް ގޮސްފައިވާ ގޮތުގެ ތަފްސީލެއް ފަހުން ނުދެ އެވެ.