
އެ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ޖުލައި މަހު އެކަނިވެސް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 93 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. މި މައްސަލަތަކުގެ ތެރެއިން 56 މައްސަލައަކީ އަންހެން ކުދިންނާ ގުޅުން ހުރި މައްސަލަތައް ކަމަށް ވާއިރު، ފިރިހެން ކުދިންނާ ގުޅޭ 37 މައްސަލައެއް ހިމެނެއެވެ.
ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. މިގޮތުން ޖުމްލަ 24 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނޭ 18 ކުދިންނަކީ އަންހެން ކުދިންނެވެ. ޖިންސީ ހާނިއްކަ ލިބުނު ފިރިހެން ކުދިންގެ އަދަދަކީ ހައެކެވެ. މީގެ އިތުރުން ޖިސްމާނީ އަނިޔާގެ 21 މައްސަލަ ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި 11 އަންހެން ކުދިންނާއި 10 ފިރިހެން ކުދިން ހިމެނެއެވެ.
ތަފާސް ހިސާބުތަކުން އިތުރަށް ދައްކާ ގޮތުގައި ކުދިންނަށް އިހުމާލުވުމުގެ 17 މައްސަލައާއި، ނަފްސާނީ ގޮތުން އަނިޔާ ކުރުމުގެ 9 މައްސަލަ އަދި ބްލެކްމެއިލް ކުރުމުގެ 8 މައްސަލައެއް ވެސް ޖުލައި މަހު ރިޕޯޓުކޮށްފައިވެއެވެ. މިފަދަ މައްސަލަތަކުގެ އިތުރުން، ގެވެށި އަނިޔާ ދެއްކުމާއި، ނަހަމަ ގޮތުގައި ބޭނުންކުރުމާއި، އެހެން ކުދިންގެ ފަރާތުންނާއި އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ މައްސަލަތައް ވެސް ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.