
މި ގަވާއިދުގެ ދަށުން ހާއްސަ ހުއްދައެއްގެ ދަށުން ނޫނީ އެތެރެކުރުން މަނާކޮށްފައިވަނީ ފްލިކް ނައިފް އާއި ބަޓަފްލައި ނައިފް އެވެ.
އާންމުކޮށް އަމަލުކުރަން ފެށި މި ގަވާއިދުގައިވާ ގޮތުން، މި ދެ ބާވަތުގެ ވަޅި ރާއްޖެއަށް އެތެރެކުރެވޭނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ލިޔުމުން ހުއްދަ ލިބިގެންނެވެ. މި ގަވާއިދާ ހިލާފުވެ، ހުއްދަ ނެތި އެފަދަ ވަޅިއެއް ރާއްޖެ އެތެރެކޮށްފިނަމަ، އެ އެއްޗެއް ހިފެހެއްޓުމުގެ ބާރު މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ލިބިގެންވެ އެވެ. އަދި އެ މައްސަލައެއް ތަހުގީގު ކުރުމަށްޓަކައި ފުލުހުންނަށް ފޮނުވަން ޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެ އެވެ.
މިނިސްޓްރީގެ ހުއްދަޔާއެކު އެތެރެކުރާ ވަޅި ބޭނުންކުރުމުގެ ހައްގު ލިބިގެންވަނީ ހަމައެކަނި ހުއްދަ ދީފައިވާ ފަރާތަށެވެ. މީގެ އިތުރުން، އެގޮތަށް އެތެރެކުރާ އެއްޗެއް ގެއްލިއްޖެނަމަ ނުވަތަ ވަގަށް ނަގައިފިނަމަ، ލަސްނުކޮށް އެކަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއަށް ރިޕޯޓުކުރަން ޖެހޭނެ ކަމަށްވެސް ގަވާއިދުގައި ވަނީ ކަނޑައަޅާފަ އެވެ.