ބީއެމްއެލްއިން ބުނީ، މި ފައިނޭންސިންގެ ދަށުން 100،000 ރުފިޔާއާ ހަމައަށް %2.5 ރޭޓެއްގައި މާލީ އެހީތެރިކަން ލިބޭނެ ކަމަށެވެ. މިއީ މުޅި ރާއްޖޭގައި ވެސް މިހާރު ފައިނޭންސިން ދޫކުރާ އެންމެ ކުޑަ ރޭޓެވެ. މި ފައިނޭންސިން އަގުހެޔޮކޮށް އަދި ދިގުމުއްދަތަކަށް ފަސޭހައިން ލިބޭނެ އިންތިޒާމާއި ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން 10 އަހަރާ ހަމައަށް އަނބުރާ ދެއްކުމުގެ މުއްދަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފަ އެވެ.
ބީއެމްއެލްއިން ބުނީ، މި މުއްދަތުގެ ތެރޭގައި 12 މަސްދުވަހާ ހަމައަށް ލިބޭ ގްރޭސް ޕީރިއަޑެއް ހިމެނޭނެ ކަމަށާއި މި ފައިނޭންސިން އަށް އެޕްލިކޭޝަން ފީ އެއް ނުވަތަ ޕްރޮސެސް ކުރުމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އިސްލާމިކް ސޯޝަލް ފައިނޭންސިންގައި އިސްނަގައި، ރާއްޖެއަށް މުޅިން އަލަށް މިފަދަ ޕްރޮޑަކްޓެއް ތައާރަފްކުރެވޭކަމީ ލިބޭ ފަޚުރެއް ކަމަށެވެ.
އެ ޕްރޮޑަކްޓަކީ އާންމު އުސޫލުގެ ތެރެއިން ބޭންކުތަކުންދޭ ހިދުމަތްތަކަށް ކުރިމަތިނުލެވޭ މީހުންނަށާއި އަލަށް ވިޔަފާރި ފަށާ މީހުންނަށާއި ބޭންކުތަކުން އާންމުކޮށް ފައިނޭންސިން ހިދުމަތްތައް ހޯދުމުގައި ދަތިތަކާ ކުރިމަތިވާ މީހުންނަށް އަމާޒުކޮށްފައިވާ ފައިނޭންސިންއެކެވެ.
އަދި ޝަރީއާ ކޮމްޕްލައިންޓް ހަމަތަކުގެ މަތިން ދޭ އެ ފައިނޭންސިންއާ އެކު، މުޖުމަތައަށް ބޭނުންވާ ތަފާތު އެކި ކަންކަން ފުރިހަމަކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި ފަރުދުންނާއި މާލީ ދާއިރާއާ ދެމެދު އޮންނަންޖެހޭ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.