
ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ހިންގާ މި މަޝްރޫއުގެ ދަށުން، މިދިޔަ މަހުގެ 12 ވަނަ ދުވަހު ފެށި މި މަސައްކަތް މިހާރު ނިމިފައިވާއިރު، ސަރުކާރުން ދެން އަމާޒު ހިފާފައިވަނީ މާލޭގައި ހުރި މިފަދަ އިތުރު އިމާރާތެއް ތަޅާލުމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލޭގެ ތެރޭގައި އާންމުންނަށް ނުރައްކާވެދާނެ ފަދަ ގޮތަކަށް ހުރި ބާ އިމާރާތްތައް ތަޅާލުމަށް ދެއްވަނީ ހާއްސަ އިސްކަމެކެވެ. މީގެ ކުރިން އަލިފާނުގެ ހާދިސާތައް ހިނގާފައިވާ އަދި އާންމުންގެ އުނދަގުލަށް ވެފައިވާ މިފަދަ ތަންތަނަކީ ސަލާމަތީގޮތުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިކުރުވާ ތަންތަނެވެ. އެގޮތުން، ބޭނުންނުކުރެވި ގިނަ ދުވަސްވެ، ހަލާކުވެފައިވާތީ މި އިމާރާތްތައް ތަޅާލަން ނިންމީ އާންމުންގެ ރައްކާތެރިކަމަށްޓަކައެވެ.
މި ޕްރޮގްރާމްގެ ދަށުން މާލޭގައި ހުރި މިފަދަ ތިން އިމާރާތެއް ތަޅާލުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އޯކިޑް ޕްލާޒާގެ އިތުރުން ނިއު ޕްލާޒާ އާއި ހައުސް ޕްލާޒާއެވެ.
އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް ނިމުމާ ގުޅިގެން، ދެން ފަށާނީ ނިއު ޕްލާޒާ ތަޅާލުމުގެ މަސައްކަތް ކަމަށް ސިޓީސް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ބުންޏެވެ.