
ހުކުރު ދުވަހު ރަނިލް ހައްޔަރުކޮށް ޖަލުގައި ބަހައްޓާފައި ވަނިކޮށް ހާލު ދެރަވެ އައިސީޔޫގައި ވަނީ ފަރުވާ ދޭން ޖެހިފަ އެވެ. ހިތުގެ ބައްޔާއި ހަކުރު ބަލި ވެސް ހުންނަ ރަނިލްގެ ހާލު ބޮޑުވީ ފެން މަދުވުމުގެ އިތުރުން ހަކުރާއި ލޭ ވަރަށް ބޮޑަށް މައްޗަށް ދިއުމުން ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ނިލުފުލި ލަންކާޕޫރާ ކޯޓުން ރަނިލް ކަފާލާތުގެ ދަށުން ދޫކޮށްލީ ޖުމްލަ 15 މިލިއަން ރުޕީސް ދައްކާގޮތަށެވެ. ރަނިލް ކޯޓަށް ގެންދިޔަ ވަގުތު އޭނާއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުން އެ ސަރަހައްދަށް އެއްވި އެވެ.
ރަނިލް ހައްޔަރުކުރުން ކުށްވެރިކޮށް އިއްޔެ ވަނީ އިދިކޮޅު ޕާޓީތަކުން އަޑުއުފުލައިފަ އެވެ.
ސީއައިޑީގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ރިޕޯޓުގައިވާ ގޮތުން، ވިކްރަމަސިންހަ ލަންޑަނަށް ވަޑައިގަންނަވާފައި ވަނީ، އޭނާގެ އަނބިކަނބަލުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ. އެ ދަތުރުފުޅަށް ވިކްރަމަސިންހަ ދައުލަތުގެ ފައިސާއިން 16.9 މިލިޔަން ސްރީ ލަންކަން ރުޕީސް، ނުވަތަ ގާތްގަނޑަކަށް 58,176 އެމެރިކާ ޑޮލަރު ހަރަދު ކުރައްވާފައިވާ ކަމުގައި ވެސް އެ ރިޕޯޓުގައި ތުހުމަތުކޮށްފައި ވެއެވެ. އެއީ، 2023ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ވިކްރަމަސިންހަ ކުރައްވާފައިވާ ދަތުރުފުޅެކެވެ.
އެ ދަތުރުފުޅުގައި އޭނާގެ އަރިހުގައި އިތުރު 10 ބޭފުޅަކު ވަޑާއިގަންނަވާފައިވާ ކަމުގައި ވެސް ސީއައިޑީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ވިކްރަމަސިންހަ ލަންޑަނަށް ވަޑައިގަންނަވާފައި ވަނީ ކިޔުބާއާއި އެމެރިކާއަށް ކުރައްވަމުން ގެންދެވި ދަތުރުފުޅެއްގެ މެދުތެރެއިން ކަމުގައި ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ރަނިލްއަކީ ލަންކާގައި ސިޔާސީ ގޮތުން ވަރަށް ނުފޫޒުގަދަ ބޭފުޅެކެވެ. އޭނާ ވަނީ އެ ގައުމުގެ ބޮޑުވަޒީރު ކަން ފަސް ފަހަރެއްގެ މަތިން ކުރައްވާފަ އެވެ. ލަންކާގައި މިހާރު ވެރިކަން ކުރަމުން އަންނަ ސަރުކާރުން އަންނަނީ އެ ގައުމުގައި ހިންގާފައި ހުރި ހިޔާނާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގުކުރަމުންނެވެ.