
ޝިފާ އަކީ ޓިކްޓޮކްގައި އޭނާ ހަދާފައިވާ ލިޕްސިންކް އަދި ނެށުމުގެ ވީޑިއޯތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދި ފަންނާނެކެވެ.
އުމުރުން 25 އަހަރުގެ ޝިފާ އެކްޓިންއަށް ނިކުތީ 2017 ވަނަ އަހަރުގައެވެ. އޭނާ އެންމެ ފުރަތަމަ ފެނިފައިވަނީ ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓުކުރި ފިލްމު "ދެވަންސޫރަ" އިން ސަޕޯޓިން ރޯލަކުންނެވެ. އޭގެ ފަހުން ރާއްޖޭގެ ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ތަރިންނާއެކު ގިނަ ފިލްމުތަކާއި ވެބް ސީރީޒްތަކުން އޭނާ ފެނިގެން ގޮސްފައިވެއެވެ. މި އުފެއްދުންތަކުގައި އޭނާ މުހިންމު ރޯލުތަކެއް އަދާކޮށްފައި ވީނަމަވެސް، އޭނާ ގިނައިން ފެނިފައިވަނީ ސަޕޯޓިން އެކްޓަރެއްގެ ގޮތުގައެވެ.
ޝިފާ އަށް ބޮލީވުޑުން ފުރުސަތު ލިބުނުކަން އޭނާ ހާމަކުރީ ފޭސްބުކްގައި އާންމުކުރި ޕޯސްޓެއްގައެވެ. ނަމަވެސް އެއީ ކޮން ފިލްމެއް ކަމެއް ނުވަތަ އޭނާއަށް ލިބުނީ ކޮން ކަހަލަ ރޯލެއް ކަމުގެ އެއްވެސް ތަފްސީލެއް އޭނާ ދީފައެއް ނުވެއެވެ.
ޝިފާ ވަނީ އެ ޕޯސްޓު ވެސް ޑިލީޓުކޮށްލާފައެވެ.