ކަށިމިޔަރުގެ މަސްވެރިކަމަކީ އަހަރުތަކެއްކުރިން ރާއްޖޭގައި ކުރި މަސްވެރިކަމުގެ ބާވަތެކެވެ. މިޔަރުގެ މަސްވެރިކަން މަނާކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.
ރައީސް މިވަގުތު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހދ. ކުޅުދުއްފުށި ރައްޔިތުންނާ ބައްދަލުކުރައްވާ މިރޭ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މިޔަރުގެ މަސްވެރިކަން ރާއްޖޭގައި އަލުން ކުރުމަށް ހުއްދަ ދެއްވާނެކަން އިއުލާނުކުރައްވައިފަ އެވެ. އަދި އެމަނިކުފާނު ވަނީ އެކަމަށް ތައްޔާރުވުމަށް އެދިވަޑައިގެންފަ އެވެ.
ރައީސް ވިދާޅުވީ ފިޝަރީޒް މިނިސްޓްރީއާއި، އެންވަޔަރަމަންޓް މިނިސްޓްރީން އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ މިޔަރުގެ މަސްވެރިކަން ފެށުމަކީ ވަރަށް މުހިންމު ދޮރެއް ކަމަށާއި އެކަމުގައި ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.
ކުޅުދުއްފުށްޓަކީ މީގެކުރިން ވެސް ކަށި މިޔަރުގެ މަސްވެރިކަން އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ކުރި ބަޔަކެވެ. ހާއްސަކޮށް މިޔަރުގެ މަސްވެރިކަމަށް ހުޅުވާލުމަށް މީގެ ކުރިން ވެސް އެކި ފަހަރުމަތިން އެކި ފަރާތްތަކުން ސަރުކާރުގައި އެދުނެވެ.
މީގެކުރިން ސަރުކާރުން ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަމަށް ހުޅުވާލަން ނިންމައި، "ބައިކެޗް"ގެ ގޮތުގައި ހިފޭ މިޔަރު ޕްރެސެސް ކުރަން ހުއްދަ ދޭން ނިންމުމާ އެކު ވެސް ވަރަށް ބޮޑަށް ސަރުކާރުން ފާޑުކިޔުން އަމާޒުވެގެންދިޔަ އެވެ. އެކަމާ ގުޅިގެން އެންމެފަހުން ސަރުކާރުން ނިންމީ ލޭނު މަސްވެރިކަމަށް ހުއްދަ ނުދިނުމަށެވެ.