
މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ކުރީގެ ޑެޕިއުޓީ ކޮމިސަނާރ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސަޢުދީ އަދި ހެލްތް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރް އަބްދު ﷲ ނާޡިމް އިބްރާހިމް އެވެ.
މި ރަސްމީޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން މަޖިލީހުގެ ބައެއް މެމްބަރުންނާއި އެކި އެކި މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން އެމްޓީސީސީގެ އިސްވެރިންނާއި ކުރިނބީ ކައުންސިލްގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
765 މީހުންގެ އާބާދީއެއް އޮންނަ ކުރިނބީގައި މި ފެށިގެންދާ މަސްރޫޢުގެ ސަބަބުން އެ ރަށުގައި ލިބިގެންދާ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުވެ މުޅިރަށުގެ އާބާދީ އަށް ހެޔޮ ފައިދާތަކެއް ކުރާނެ ކަމަށް އެމްޓީސީސީ އިން ވަނީ ފާހަގަ ކޮށްފައި އެވެ. އެމްޓީސީސީން އިން އިތުރަށް ފާހަގަ ކުރި ގޮތުގައި މިކަމުގެ ސަބަބުން ކުރިނބީގެ ރައްޔިތުން ސިއްހީ ހިދުމަތް ހޯދުމަށް އެހެން ރަށްތަކަށް ކުރާ ދަތުރު މަދުވެގެން ދާނެ ކަމަށާއި މިކަމުގެ ސަބަބުން ރައްޔިތުންނަށް އެތަށް ގޮތަކުން މާލީ ފައިދާތަކެއް ލިބިގެންދާނެ ކަމުގަ އެވެ.
މި މަސްރޫއުގެ ދަށުން 4600 އަކަފޫޓުގެ ބިންގަނޑެއް ކޮނުމާއި، މޭޝަނަރީ، ކޮންކްރީޓް މަސައްކަތް ކުރުމާއި ޓައިލްސް ޖެހުމާއި އަދި އިމާރާތް ކުރުމަށް ބޭނުންވާ އެހެންނިހެން ކަންތައް ކުރުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށާއި މި މަޝްރޫއަށް 12.53 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ހާމަ ކުރެ އެވެ. މި މަސްރޫއުއަށް 300 ދުވަސް ވަރު ހޭދަ ވާނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައި އެވެ.