ފުލުހުން އެކެސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ގެއްލިގެން ހޯދަމުން ދަނީ 41 އަހަރުގެ ފުވަމުލަކަށް ނިސްބަތްވާ ފިރިހެނެއް ކަމަށްވާ މަސީޙް ޢަބްދުލް ޙަކީމް ކަމަށެވެ. އޭނާ އެންމެ ފަހުން އާއިލާ އަށް ހަބަރު ވެފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށާއި އެޔަށް ފަހު އޭނާގެ ހަބަރެއް އާއިލާ އަށް ލިބިފާ ނުވާ ކަމަށް ފުލުހުންގެ ޕޯސްޓް ގައި ބުނެފައިވެ އެވެ.
މަސީޙް އަބްދުލް ހަކީމް މިހާރު ދިރިއުޅެމުންދަނީ ހުޅުމާލެ، އެމްޕީއެލް ޓަވަރުގައި ކަމަށާއި އޭނާ ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ މިމަހުގެ 25 ވަނަ ދުވަހު ކަމަށް އެ ޕޯސްޓްގައި ފުލުހުން ލިޔެފައިވެ އެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުން ކަމަށް އެ އިދާރާއިން ބުނެ އެވެ.
އޭނާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތަކުން ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އާންމުން ގެ ފަރާތުން އެދިފައި އެވެ.