މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުމުންދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މި މަޝްރޫއު ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ. އެ ކުންފުނިން ބުނީ 2.20 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއު 150 ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ. މި މަޝްރޫއުގެ ދަށުން 1،600 އަކަފޫޓުގެ ޒަމާނީ ޕޮލިސް ޕޯސްޓެއް ގާއިމުކުރާނެ އެވެ. ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި މަސައްކަތް އިފްތިތާހު ކޮށްދެއްވުމުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އާއި އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ އަދި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަޝްރޫއަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުން ކަމަށް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.