
ގާތްގަނޑަކަށް 10،000 ރުފިޔާ ނެގި ކަމަށް ބުނާ މި މައްސަލަ މިހާރު ވަނީ ބާ ކައުންސިލަށް ވެސް ހުށަހަޅާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ޒުންނަވާރު ވަނީ އޭނާގެ ހުއްދަ ސަސްޕެންޑްކޮށްފައިވާކަން އޮޅުވާލައިގެން، ގާނޫނީ ހިދުމަތް ހޯދަން ބޭނުންވި މީހަކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއަށް ފަހު ފައިސާ ނަގައި، ފޯނަށް ޖަވާބު ނުދީ ގެއްލިފައިވާ ކަމަށާއި ފައިސާ އަނބުރާ ދިނުމަށް ދެކޮޅު ހަދާފައިވާ ކަމަށް ތުހުމަތުކުރެއެވެ.
ޒުންނަވާރުގެ ހުއްދަ 15 މަސް ދުވަހުގެ މުއްދަތަށް ސަސްޕެންޑްކޮށްފައި ވަނީ، އޭނާގެ އަންހެނުން މެހެނާޒު ހުސެއިންއަށް ދޫކޮށްފައިވާ ނޯޓަރީ ސްޓޭމްޕް ބޭނުންކޮށްގެން އެއްބަސްވުމެއްގައި ސޮއިކޮށް ނޯޓަރައިޒްކޮށްދިން މައްސަލައެއް ސާބިތުވުމުންނެވެ. އެ މައްސަލައިގައި މެހެނާޒުގެ ހުއްދަ ވެސް ވަނީ ހިފަހައްޓާފައެވެ. ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ޖޫރިމަނާ ކުރި ދެ މީހުންނަކީ ވެސް ޒުންނަވާރާއި އޭނާގެ އަންހެނުންނެވެ.