
މަގުސޫމްއަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި 58 މެންބަރުންގެ އިއްތިފާގުންނެވެ.
އެޗްއާރުސީއެމްގެ ދެ މެންބަރެއްގެ ދައުރު އަންނަ ސެޕްޓެމްބަރު މަހު ހަމަވާތީ، އެ މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ނަންފުޅުތަކެއް ފޮނުއްވާފައެވެ.
ރައީސް ފުރަތަމަ ފޮނުއްވި ނަންތަކުގެ ތެރެއިން އެއް ނަން ފާސްނުވުމުން، ދެވަނަ ފަހަރަށް ފޮނުއްވި ލިސްޓުގައި މަގުސޫމްގެ އިތުރުން އަމީރާ ނައީމް އަދި ފާތިމަތު ނަފްއަތު އަބްދުލްވައްހާބްގެ ނަން ހިމެނެއެވެ. މި ތިން ބޭފުޅުންނަށް ވަކިވަކިން ވޯޓަށް އެހުމުން، އެންމެ ބޮޑު ތާއީދެއް ލިބިވަޑައިގަތީ މަގުސޫމްއަށެވެ.
މިހާރު އެޗްއާރުސީއެމްގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ދައުރު ހަމަވަނީ ކޮމިޝަންގެ ނައިބު ރައީސް މޫމިނާ ވަހީދާއި މެންބަރު އާމިނަތު ޝިފާތު އަބްދުއްރައްޒާގުގެއެވެ. މި ދެ ބޭފުޅުންގެ ދައުރު އަންނަ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ހަމަވާނެއެވެ. ގާނޫނު ބުނާ ގޮތުން އެޗްއާރުސީއެމަށް މެންބަރުން އައްޔަންކުރަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.