އެ ކުންފުނިން ބުނީ، ބިން ހިއްކުމަށް ބޭނުންކުރާ ޑްރެޖަރު 24 ގަޑިއިރު ހަރަކާތްތެރިވާނެތީ، އެ ސަރަހައްދުތަކުގައި ދަތުރުފަތުރު ކުރުމުގައިވެސް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެޗްޑީސީން ބުނީ މިހާރު މަސައްކަތް ކުރަމުން ދަނީ ރަސްމާލެ މަޝްރޫއުގެ "ސައިޓް ސީ" އަދި "ސައިޓް އީ" ހިއްކުމަށް ކަމަށެވެ. މި މަސައްކަތަށް މިމަހުގެ 21 އިން ފެށިގެން ބޭނުންކުރަމުން އަންނަނީ "ޔެންގ ޖުން 1" ނަމަކަށް ކިޔާ ބޮޑު ޑްރެޖަރެކެވެ. މިއީ 21،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެއް ކަމަށާއި، ކުރިން ބޭނުންކުރި ޑްރެޖަރަށް ވުރެ ދެގުނަ ބޮޑު ޑްރެޖަރެއްކަން އެޗްޑީސީން ފާހަގަކުރެއެވެ. އާންމުންގެ ރައްކާތެރިކަމަށްޓަކައި ޑްރެޖަރު ހަރަކާތްތެރިވާނެ ސަރަހައްދުތަކާއި ދަތުރުކުރާނެ މަގު ދައްކުވައިދޭ ޗާޓެއްވެސް އެ ކޯޕަރޭޝަނުން ވަނީ އާންމުކޮށްފައެވެ.
ރަސްމާލެއަކީ ފުށިދިއްގަރު ފަޅުން 1009 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްގީކުރާ ބިޔަ މަޝްރޫއެކެވެ. މިހާރު ކުރިއަށްދާ މަސައްކަތުގެ ދަށުން "ސައިޓް ސީ" އިން 190 ހެކްޓަރު އަދި "ސައިޓް އީ" އިން 75 ހެކްޓަރު، ޖުމްލަ 265 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މި ބިޔަ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެތީ، ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި އެހެނިހެން ހަރަކާތްތައް އެ ސަރަހައްދުގައި ހިންގާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އެޗްޑީސީން ބުންޏެވެ.