
އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު މިހެން ވިދާޅުވީ، ޝަރުއީ ދާއިރާގެ އިންޓެގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް އިފްތިތާހްކޮށްދެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ކޯޓުތަކަށް ދިމާވެފައިވަނީ ހަމަ އެކަނި މާލިއްޔަތާއި ގުޅިފައިވާ މައްސަލަތަކެއް ނޫނެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ކޯޓުތަކަށް ދިމާވެފައިވާ ގާނޫނީ ހުރަސްތަކާ ގުޅޭ މައްސަލަތަކެއްވެސް އެބަހުއްޓެވެވެ. އެހެންނަމަވެސް އެ މައްސަލަތަކަކީ ހައްލުކުރަން އުނދަގޫ މައްސަލަތަކެއް ދެކެވަޑައެއް ނުގަންނަވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
"ޝަރުއީ ކޯޓުތަކަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރޭގައި ކުޑަ އެއްވެސް މައްސަލެއް ނެތް. މުޅިންވެސް މިހާރު ހުރީ ބޮޑެތި މައްސަލަ. މި މައްސަލަތައް ފުރަތަމަ އުފެދުނު އިރު މި ހުރިހާ މައްސަލަތަކަކީ ބޮޑެތި މައްސަލަތަކެއް ނޫން. ނަމަވެސް އަޅާނުލެވި ދޫކޮށްލެވުމުގެ ސަބަބުން ޒަމާނާ އެކު މި މައްސަލަތައްވެސް ވަނީ ބޮޑުތިވެ ތަޞައްރުފު ފުދިފައި" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އިންޓިގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް ނުވަތަ އައި.ސީ.އެމް.އެސް އަކީ ޖިނާއީ އަދުލުގެ ނިޒާމްގައި ހިމެނޭ ގިނަ އިދާރާތަކެއްގެ ސިސްޓަމްތަކާ ގުޅާލެވޭގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ.
މި އިންޓިގްރޭޝަންތަކުގެ އިތުރުން، މުސްތަޤްބަލްގަ ޖިނާއީ އަދުލުގެ ނިޒާމްގެ ތެރޭގައި ހިމެނޭ އިދާރާތަކާއި، ގުޅުންހުރި އެހެނިހެން އިދާރާތަކުގެ ސޮފްޓްވެއަރތަކާ އައި.ސީ.އެމް.އެސް އިންޓިގްރޭޓްކުރުމަށް ވަނީ ރޭވިފައެވެ. މީގެ ސަބަބުން އިދާރާތަކުގެ މެދުގައި މައްސަލައާ ގުޅޭ ލިޔެކިޔުންތައް ބަދަލުކުރުމުގައި ލުއިފަސޭހަތަކެއް ލިބި، މައްސަލަ ރަޖިސްޓްރީކުރުމަށް ހޭދަވާ ވަގުތު އެތައް ގުނައަކަށް ކުޑަކުރެވިގެންދާނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުންޏެވެ.