
އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގައި މަޝްވަރާ ކުރެއްވީ ދައުލަތުގެ އެންމެ އިސްވެރިޔާ ނުވަތަ ރައީސް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަރުހަބާ ދެންނެވުމަށް ބައިވެރިވުމާއި މުއައްސަސާތަކުގެ ވެރިންނާ އެކު ބާއްވަވާ ބައްދަލުވުންތަކުގައި ފަނޑިޔާރުން އަދި މުވައްޒަފުން ބައިވެރިކުރުމާ ގުޅޭ ގޮތުންނެވެ.
އެނގިފައިވާ ގޮތުގައި މަޝްވަރާ އަށް ފަހު، ޖޭއެސްސީން ނިންމީ ރައީސަށް މަރުހަބާ ދަންނަވަން ފަނޑިޔާރުން ނިކުމެވަޑައިގަތުމަކީ ރަނގަޅު ކަމެކެވެ. އެކަމަކު އެ ގޮތަށް އުޅުއްވާއިރު ފަނޑިޔާރުންގެ ސުލޫކީ ހަމަތައް ހިފަހައްޓަން ޖެހޭނެ ކަމަށް ކަނޑައެޅި އެވެ.
މިފަދަ ނިންމުމެއް ޖޭއެސްސީ ނިންމިއިރު ރައީސް މުއިއްޒު ގެންދަވަނީ ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުފުޅުތައް ކުރައްވަމުންނެވެ.
ފަނޑިޔާރުން ނުކުމެ ރައީސް އަށް މަރުހަބާ ކިޔުން ހުއްދަ ކުރިއިރު، ފަނޑިޔާރުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަކީ ގާނޫނާއި ގަވާއިދުތަކުން މަނާ ކަމެކެވެ.