
މިއީ، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޝަމްއާން ހާބަރު ފުޑްކޯޓުގައި ހިންގާ ކެފޭގެ ކުލި ނުދައްކައި އޮވެގެން އެސްޓީއޯއަށް ދައްކަން ޖެހޭ ފައިސާއެވެ. ސިވިލް ކޯޓަށް ހުށަޅާފައިވާ މި މައްސަލައަކީ، 2023 ވަނަ އަހަރުގެ ފަހުކޮޅު، އެސްޓީއޯއާއި ޝައްމާނާ ދެމެދު ވެފައިވާ ފުޑްކޯޓުގެ ކުއްޔާ ގުޅޭ އެއްބަސްވުމެއްގެ ދަށުން ކުލި ނުދައްކާ އޮތް މައްސަލައެވެ. މި މައްސަލަ ކޯޓަށް ހުށަހެޅުމަށް ފަހު، އެސްޓީއޯއިން ވަނީ މައްސަލަ އަނބުރާ ނަގާފައެވެ. މައްސަލަ އަނބުރާ ނެގީ، ފައިސާ ދައްކާނެ ކަމުގެ ޔަގީންކަން ބަންދުގައި ހުރި ޝައްމާންގެ ފަރާތުން ލިބުމުންނެވެ.
މި މައްސަލައިގައި އެސްޓީއޯއިން ޝައްމާނާ ދެކޮޅަށް ދައުވާކުރި، މާރިޗު މަހު ފަހުކޮޅުން ފެށިގެން ޝައްމާން ހުރީ، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް، ވާނުވާ ބަންދު ޖަހައިފައެވެ.
މި މައްސަލައިގައި އެސްޓީއޯއިން އެދިފައިވަނީ ޝައްމާން އަތުން ޖުމްލަ 97،399 ރުފިޔާ ހޯދާށެވެ. އެއީ، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކުއްޔަށްވާ 75،823 ރުފިޔާއާއި ކުލި ދައްކާފައިނުވާތީ ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި 21،575 ރުފިޔާއެވެ. އެސްޓީއޯއިން ދައުވާކުރީ މި ފައިސާ އެއް ފަހަރާ ބަންދުގައި ހުރި ޝައްމާންގެ އަތުން ހޯދުމަށެވެ. އެހެންނަމަވެސް، ޝަރީއަތަށް މައްސަލަ ހުށަހެޅި ފަހުން، ފައުސާ ދައްކާނެ ގޮތާއި މެދު އެސްޓީއޯއާއި ޝައްމާނާ މެދު އެއްބަސްވުމަކަށް އާދެވި، އަދި ފައިސާ ދައްކާނެކަމުގެ ޔަގީންކަން ޝައްމާން ދިނުމުން އެސްޓީއޯއިން ބޭނުންވީ ދައުވާ އަނބުރާ ގެންދާށެވެ.