
ގަދަވަޔާއެކު މާލެއަށް ބޯކޮށް ވާރޭވެހި ކުރި ވިއްސާރައިގެ ސަބަބުން، މާފަންނު އޯކިޑުމަގުގެ ގަޑިބުރު ކައިރިއަށް ބޮޑު ގަހެއް ވެއްޓި، އެ މަގުގެ ބައެއް މިއަދު ބަންދުވެއްޖެ އެވެ.
މިއަދު ހެނދުނު ވެއްޓުނީ އޯކިޑުމަގުގައި ހުންނަ މާފަންނު ޖީޒާގޭ ކައިރީގައި އިންދާފައި ހުރި ގަހެކެވެ. އެ ގަސް ވެއްޓުނީ އެ މަގުގައި ޕާކްކޮށްފައި ހުރި ބައެއް ސައިކަލްތަކާއި ޕިކަޕެއްގެ މައްޗަށެވެ. އެ ބޮޑު ގަސް ވެއްޓުމުގެ ސަބަބުން އެ މަގުގެ އެ ހިސާބު ވަނީ އާއްމު ދަތުރުފަތުރު ނުކުރެވޭ ވަރަށް ބަންދުވެފަ އެވެ.
މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ބުނީ، އެ ސަރަހައްދުން ގަސް ނަގައި، މަގު ހުޅުވާލުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ، ގަސް ވެއްޓި އޯކިޑުމަގު ބަންދުވިކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:39 ހާއިރު ކަމަށާއި، ގަސް ވެއްޓުނީ ވެމްކޯގެ ޕިކަޕެއްގެ މައްޗަށް ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް، ފުލުހުން ބުންޏެވެ.