
މީޑިއާގެ މިނިވަންކަން ހަނިކުރަން މަޖިލިހަށް ހުށައެޅީ ސަރުކާރަށް ތާއިދުކުރާ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުއްހަންނާން އަބޫބަކުރުއެވެ. އެ ބިލާއި ދެކޮޅަށް ނޫސްވެރިން އަޑު އުފުލަމުންދަނިކޮށް ސަރުކާރު ހިންގާ ޕީއެންސީ މިއަދު ވަނީ އެބިލު މަޖިލިހަށް ބަލައިގަނެފައެވެ. ބިލް ބަލައިގަތީ ޕީއެންސީގެ 49 މެމްބަރުންގެ ވޯޓުންނެވެ. ބިލާއި ދެކޮޅަށް ވޯޓް ދެއްވީ އިދިކޮޅު 12 މެމްބަރުންނެވެ.
މި ބިލް ދިރާސާކުރާ މަޖލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީގައި ބިލާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ސަފާ ޝަފީގު ވިދާޅުވީ އެ ބިލު މަޖިލީހަށް ހުށައަޅާފައިވަނީ ކަމާގުޅޭ ފަރާތްތަކާ މަޝްވަރާނުކޮށް، އެއްވެސް ދިރާސާއެއް ކުރުމެއް ނެތިކަމަށެވެ. އަދި އެ ކޮމިޝަނުން ވެސް މިކަމުގައި މަޝްވަރާކުރަން ތިން ސިޓީއެއް ފޮނުވިކަން ފާހަގަކުރައްވަމުން ސަފާ ވިދާޅުވީ އެ ބިލް ޑްރާފްޓްކުރުމުގައި އެ ކޮމިޝަންގެ ހިޔާލު އެއްވެސް މިންވަރަކަށް ހޯދާފައިނުވާ ކަމަށެވެ.
ސަފާ ވިދާޅުވީ މީޑިއާތައް ރެގިއުލޭޓްކޮށް ފިޔަވަޅު އެޅޭ ގޮތްތައް ގާނޫނެއްގައި ކަނޑައަޅާއިރު، ގައުމީ ފެންވަރުގެ ދިރާސާއެއް ކުރެވެން ޖެހޭނެ ކަމަށެވެ. ބިލު އޮތީ ހުރިހާ ބާވަތެއްގެ މީޑިއާއަކަށް ވެސް ހިނގާ ގޮތަށް ކަމަށްވާތީ، މިކަމުގައި އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ބެލުމަށް ދިރާސާއެއް ހެދުމަކީ ނުހަނު މުހިންމު ކަމެއްކަމަށް ސަފާ ވިދާޅުވިއެވެ.
ބިލް މިހާރު އޮތް ގޮތުން އެ ބިލް އޮތީ ތަންފީޒުކުރެވޭނެ ގޮތަކަށް ނޫންކަން ފާހަގަކުރައްވަމުން ސަފާ ވަނީ ބްރޯކޮމް އެ ބިލާއި ދެކޮޅުކަން ހާމަކުރައްވާފައެވެ.
ސަރުކާރުގެ ފުރިހަމަ ތާއިދާއެކު ހުށައަޅާފައިވާ މީޑިއާ ބިލަށް ސަރުކާރުން މެމްބަރުންނާއި ސަރުކާގެ އެކްޓިވިސްޓުން ތާއިދުކޮށް ވާގަކަ ދައްކަމުން އަންނައިރު ނޫސްވެރިންނާއި މީޑިއާ ކައުންސިލާއި ޖާނަލިސްޓްސް އެސޯސިއޭޝަން އަދި ބޭރުގެ ގިނަ ޖަމިއްޔާތަކަކުން ވަނީ އެ ބިލާއި މެދު ކަންބޮޑުވުން ފާޅުކޮށް ބިލް ނަގަން ގޮވާލާފައެވެ.