
ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރުމުން އަލުން އަނބުރާ ވަޒީފާދޭން އަމުރުކުރު އެފްއެސްއެމްގެ ދެ މުވައްޒަފުންނަކީ ފ. މަގޫދޫ، ނޫހިރި، މުހައްމަދު އަމްޖަދު އަދި ސ. ފޭދޫ، އަސަރީގެ، ހުސައިން ޝިރާޒު މޫސާ އަށެވެ.
ވަކިވަކިން ޓްރައިބިއުނަލުން ބެލި ދެ މައްސަލަވެސް ނިންމާ އެ ޓްރައިބިއުނަލުން ކުރި އަމުރުގައި ވަނީ އެ ދެ މުވައްޒަފުންނަށް ވަޒީފާ ދިނުމުގެ އިތުރުން ވަޒިފާއިން ވަކިކުރުމުން ލިބުނު ގެއްލުމުގެ ބަދަލުވެސް ދިނުމަށެވެ.
މި ދެ މުވައްޒަފުންގެ ތެރެއިން ހުސައިން ޝިރާޒު މޫސާ ގެ މައްސަލަ ނިންމާ ޓްރައިބިއުނަލުން ކުރި ހުކުމުގައި ބުނީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމު ކުރުމެއް ނެތި ކަމަށެވެ. އެގޮތުން ޝިރާޒު އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ މުވައްޒަފެއް ކަމަށް ނުބަލައި، އޭނާ އަދާކުރަމުންދިޔަ މަގާމަށް އަނބުރާ ރުޖޫއަކޮށްދިނުމުގެ އިތުރުން ބަދަލުގެ ގޮތުގައި ހަ މަސް ދުވަހުގެ އުޖޫރައަށްވާ 116،150 ރުފިޔާ ދިނުމަށް ހުކުމްގައިވަނީ އަމުރުކޮށްފައެވެ.
މީގެއިތުރުން ގާނޫނީ އެހީތެރިކަން ހޯދުމަށް އޭނާ ހަރަދުކޮށްފައިވާ 20،000 ރުފިޔާއަކީވެސް އެފްއެސްއެމް އިން ދައްކަން ޖެހޭ ފައިސާ ކަމަށް ވެސް ހުކުމްގައި ވަނީ ކަނޑައަޅާފައެވެ.
މުހައްމަދު އަމްޖަދުގެ މައްސަލަ ނިންމާ ޓްރައިބިއުނަލްއިން ކުރި ހުކުމުގައި އޭނާވެސް ވަޒީފާއިން ވަކިކުރީ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމު ކުރުމެއް ނެތި ކަމަށެވެ.
އެހެންކަމުން އޭނާ ވަޒީފާއިން ވަކިވެފައިވާ ކަމަށް ނުބަލައި، އަނބުރާ ވަޒީފާއަށް ރުޖޫއަކޮށްދިނުމުގެ އިތުރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 132،450 ރުފިޔާ އެފްއެސްއެމްއިން އޭނާއަށް ދިނުމަށް ވަނީ އަންގާފައެވެ. އަދި އަމްޖަދު ވެސް ގާނޫނީ އެހީތެރިކަން ހޯދުމަށް ހަރަދުކުރި 20،000 ރުފިޔާއަކީވެސް އެފްއެސްއެމް އިން ދޭން ޖެހޭ ފައިސާ ކަމަށް ވެސް ހުކުމުގައި ވަނީ ކަނޑައަޅާފައެވެ.
މި ދެ ހުކުމްވެސް 60 ދުވަހުގެ ތެރޭގައި ތަންޒީޒުކުރުމަށްވެސް ވަޒީފާއާބެހޭ ޓްރައިބިުނަލުން އިއްވި ހުކުމުގައިވެއެވެ. އަދި އެކަން ހަމަޖެހޭތާ ރަސްމީ ބަންދުނޫން ތިން ދުވަހުގެތެރޭ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށްވެސް އެ ހުކުމުގައިވެއެވެ.