މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސިވިލް އިންޖިނިއަރިން، އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކް އިންޖިނިއަރިންގެ ދަރިވަރުން ތިލަމާލޭ ބްރިޖް ސައިޓަށް ޒިޔާރަތްކޮށް، އެ މަޝްރޫއުގެ ތެރެއަށް ވަންނަ ކޮމްޕްލެކްސް އިންޖިނިއަރިން އާއި ކޮންސްޓްރަކްޝަންގެ މައުލޫމާތު ހޯދައި ދިރާސާކޮށްފައިވެ އެވެ.މި ސެޝަންތަކަކީ އަޅުގަނޑުމެންގެ ގައުމުގެ އާ އިންފްރާސްޓްރަކްޗާ ބައްޓަންކުރުމުގައި އިންޖިނިއަރިން ދާއިރާގެ މުހިންމުކަމާމެދު ޒުވާނުން ހޭލުންތެރިކޮށް، ޝައުގުވެރިކަން އުފެއްދުމަށްޓަކައި ގައުމީ އިންޖިނިއަރުންގެ ދުވަހުގެ މުނާސަބަތުގައި އިންތިޒާމްކޮށް ކުރިޔަށް ގެންދާ ޕްރޮގްރަމެއް ކަމަށް ހައުސިން އެންޑް އިންފްރާސް ސްރަކްޗާ މިނިސްޓްރީން ބުނެ އެވެ. ދިވެހި ރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި ވާ ގޮތުން އުމްރާނީ ތަރައްގީ ގެ އިތުރުން ސިނާއީ، އިޖްތިމާއީ، ދަތުރުފަތުރު، ހަކަތައާއި ސައިންސް އަދި ޓެކްނޮލިޖީގެ ދާއިރާގައި ތަފާތު އެކި ފަންނުގެ އިންޖިނޭރުން ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ގައުމުގެ ތަރައްގީ ގައި އެބޭފުޅުންގެ ރޯލް އިންތިހާ އަށް މުހިންމު ކަމަށެވެ.
ރައީސް ވަނީ އަންނަ 2026 ވަނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ގައުމީ އެވޯޑް ދޭން ފަށާނެ ކަމުގެ ޔަގީން ކަން މި ހިތާބުގައި ދެއްވާފައި އެވެ.
މީގެ އިތުރުން އިންޖިނޭރުންގެ އިލްމީ ދިރާސާތަކަށް ފުރުސަތު ފަހިކޮށްދީ އެކި ދާއިރާތަކުން އިންޖިނޭރުކަން ކިޔަވައިދީ ތަމްރީނު ދިނުމަށް ސަރުކާރުން އިތުރަށް ސަމާލުކަން ދޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި އެވެ.