
ސައީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޗައިނާ އަކީ ރާއްޖޭ އާއި އެންމެ ކުރިންސުރެއްވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެއް ކަމަށާއި ރައީސްގެ ޗައިނާ ދަތުރުފުޅުން މި ގުޅުން އިތުރަށް ބަދަހިވެެގެން ދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ސައީދު ފާހަގަ ކުރެއްވި ގޮތުގައި ދެ ގައުމުގެ ގުޅުމަށް ވަރަށް ބައިވަރު އިމްތިހާނުތައް ކުރިމަތިވި ނަމަވެސް ދެ ގައުމުގެ ގުޅުން އަދިވެސް ދާނީ ބަދަހި ވަމުން ކަމަށެވެ.
މީގެ އިތުރުން ދުނިޔޭގެ އިކޮނަމީ އަށް އަންނަ ބަދަލަކަށް ބެލުމެއް ނެތި ދެގައުމުގެ ކުރިއެރުމާއި ލާބައަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ރައީސް މުއިއްޒު އަދި ޗައިނާގެ ރައީސް ޝީ ގެ ބައްދަލުވުމުގައި އެއްބަސްވެވިގެން ދިޔަކަމަށް ސައީދު ވިދާޅުވި އެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ޗައިނާގެ ރައީސް، ޝީ ޖިންޕިންއާ ވަނީ ބައްދަލު ކުރައްވައިފި އެވެ.
ރައީސް ޑރ. މުއިއްޒު ޗައިނާއަށް މި ކުރައްވާ ދަތުރުފުޅަކީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
ރައީސްގެ މި ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އިތުރުން، އެހެނިހެން ގައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.