
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ނޭޕާލްގެ ބޮޑުވަޒީރު ރައިޓް އޮނަރަބަލް ކޭ.ޕީ. ޝަރްމާ އޮލި އާއި އެކު ބޭއްވެވި ބައްދަލުވުން އޮތީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގެ ހަވާސާގައި ޓިއާންޖިން މެއިޖިއާން ކޮންވެންޝަން ސެންޓަރުގަ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ނޭޕާލްގެ ބޮޑުވަޒީރު ކޭ ޕީ ޝަރްމާ އޮލިއާ އެކު ރައީސް މުއިއްޒު ބޭއްވި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ މެދު މަޝްވަރާކުރެއްވި ކަމަށެވެ. އަދި، ތައުލީމީ ދާއިރާއާއި އިގުތިސާދު ސިންދަފާތުކުރުމާއި، ބައިނަލްއަގުވާމީ މަންސަތަކުގައި އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން އެ މަޝްވަރާގައި އަލިއަޅުވައިލި ކަމަށް އެ އޮފީހުން ބުންޏެވެ.
ރައީސް މުއިއްޒު ވަނީ ނޭޕާލުން ބާއްވަމުން އަންނަ ގާތް ގުޅުމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެ ބޭފުޅުން ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ
މީގެއިތުރުން މިބައްދަލުކުރެއްވުމުގައި، ދެގައުމުގެ ގުޅުމުގެ ތެރެއިން ސަރަހައްދީ ގުޅުންތައް ބަދަހިކުރުމާއި، ދެމެހެއްޓެނިވި ތަރައްގީގެ އަމާޒުތައް ހާސިލުކުރުމާމެދު ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.
މި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ނޭޕާލުން ރާއްޖެއާއެކު ބާއްވަމުން އަންނަ ގާތް ގުޅުމަށް ޝުކުރު އަދާކުރެއްވި އެވެ. އަދި، ދެޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެބޭފުޅުން ދެއްވި އެވެ.