ads
އެމްޑީޕީން ޖުޑީޝަރީގެ ދިފާއުގައި ކުރި މުޒާހަރާ: ފޮޓޯ ސީއެންއެމް
އެމްޑީޕީން ސަރުކާރާ ދެކޮޅަށް އަންނަ މަހު މުޒާހަރާއަށް ނިކުންނަނީ
ސަރުކާރާ ދެކޮޅަށް އެމްޑީޕީން ސިލްސިލާ މުޒާހަރާތަކެއް ފެށުމަށް ނިންމައި، އެ ޕާޓީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
Advertisement

އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ކުއްލި ޖަލްސާއެއް ބާއްވާފައި ވަނީ މަނަދޫ ދާއިރާގެ ރައީސް މުހައްމަދު ތޯރިގު ހުށަހެޅުއްވި ގަރާރަކާ ގުޅިގެންނެވެ.

ގަރާރުގައި ބުނީ، މި ސަރުކާރުން އިގްތިސާދީ ގޮތުން އެޅި ދޯހަޅި ފިޔަވަޅުތަކާ އެކު ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް، ދިރިއުޅުމަށް ތަކުލީފުތައް ކުރިމަތިވަމުންދާ ކަމަށެވެ.

އެހެންވެ އަންނަ މަހުގެ ތިންވަނަ ދުވަހު މާލޭގައި މުޒާހަރާ ކުރުމަށް ވަނީ ހުށަހަޅާފަ އެވެ. އަދި ސަރުކާރު ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކާމިޔާބު ވަންދެން އިހުތިޖާޖުތައް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ވެސް ގަރާރުގައިވެ އެވެ.

"މި ސަރުކާރުން ކުރަމުން ގެންދާ ވައްކަންތަކާއި ސަރުކާރުގެ ކޮރަޕްޝަނާއި ފަސާދަ އާއި ރައްޔިތުންގެ އަސާސީ ހައްގުތަކަށް ހުރަސް އެޅުމާއި އަދުލު އިންސާފަށް އަތް ބޭނުމާއި ރައްޔިތުންގެ އާންމު ހާލަތު ދަށްވުމާއި ދިވެހިރާއްޖޭގައި ދިރިއުޅުމަކީ ތަކުލީފަކަށް ވަމުން ދިޔުމާއި މި ކަންކަމުގެ މައުލޫމާތު ފަތުރަން އޮތް މިނިވަން މީޑިއާ ނެތިކޮށްލުމަށް ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓުވުމަށްޓަކައި،" މުޒާހަރާ ކުރަން ނުކުންނަ ސަބަބު ބަޔާން ކޮށްދީ ގަރާރުގައި ލިޔެފައިވެ އެވެ.

އެ ގަރާރަށް އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ހުށަހެޅުއްވި ބައެއް ވެސް ވަނީ އިތުރުކޮށްފަ އެވެ. އެ ބައިގައި ބުނެފައި ވަނީ ރާއްޖޭގެ އެތެރޭގެ އިގުތިސާދު އެކީއެކަށް ފުނޑިގެން ގޮސް ބޭރުގެ ދަރަނި ނުދެއްކި ރައްޔިތުންގެ އަސާސީ ޒަރޫރަތުތައް ވެސް ކުރިއަށް އޮތް ކައިރި މުސްތަގުބަލުގައި ހަމަނުޖެއްސިދާނެ ކަމުގެ ބިރު އިންތިހާއަށް އެބައޮތް ކަމަށެވެ.

އެފަދަ ހާލަތަކުން ގައުމު ސަލާމަތް ކުރުމުގެ ޕްލޭނެއް މި ސަރުކާރުގެ ނެތުމުން ރާއްޖެ ބަނގުރޫޓުވުމުގެ ފުރުސަތު ބޮޑު ކަމަށް ފައްޔާޒް އިތުރުކުރެއްވި ބައިގައި ލިޔެފައިވެ އެވެ.

މި ގަރާރަށް ގައުމީ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ އިސް ލީޑަރުން ތާއީދުކުރެއްވިއިރު، މި ގަރާރު މިރޭ ގައުމީ މަޖިލީހުން މިހާރު ވަނީ ފާސްކޮށްފައި އެވެ. އެ ގަރާރަށް ތާއީދު ކުރެއްވީ ހޯރަފުށީ ދާއިރާގެ ރައީސް އަހުމަދު ސަލީމެވެ.

އެ ގަރާރަށް ތާއީދު ކުރައްވާ ގައުމީ މަޖިލީހުގެ ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެ ގަރާރުގައި ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ބަޔާންކޮށްފައިވާ ކަމަށެވެ. ޓޫރިޒަމް ދާއިރާ އާއި ކޮންސްޓްރަކްޝަން ދާއިރާ އާއި ނޫސްވެރިކަން ފަދަ ހުރިހާ ދާއިރާތަކެއްގެ ހާލަތު އެނގިގެންދާ ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި މިފަދަ ކޮންމެ ހާލަތެއްގައި ވެސް އެމްޑީޕީއަކީ ރައްޔިތުންގެ ހައްގުގައި ބަސް ބުނެ، ހިމާޔަތުގައި ނިކުންނަ ޕާޓީ އެވެ.

އެމްޑީޕީން މިއަހަރުގެ ކުރީކޮޅު ވަނީ "ގާނޫނުއަސާސީގެ ދިފާއު" ގައި މާލޭގައި ބޮޑު އެއްވުމެއް ވެސް ބާއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް