
މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރާ ގުޅުން ބޮޑު ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. އެ ބިލަށް ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުން ތާއިދުކޮށްފައިވާއިރު، ބިލުގެ ދިރާސާގައި ވަރަށް ބޮޑަށް މަސައްކަތްކުރެއްވި ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވަނީ ވިދާޅުވެފަ އެވެ.
އެ ބިލު މަޖިލީހަށް ބަލައިގަނެ، ބިލު ދިރާސާކުރުމުގެ މަސައްކަތް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އަންނަނީ ކުރަމުންނެވެ.
އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަމުން ސޯލިހު ވިދާޅުވީ މިއަދު ކުރިމަތީގައި އޮތް އެންމެ ބިރުވެރި އެއް ކަމަކީ ނޫސްވެރިކަން ނައްތާލުމަށްޓަކާ ސަރުކާރުން ހުށަހަޅައިގެން އުޅޭ ބިލު ކަމަށާއި އެ ބިލުގެ ބޭނުމަކީ ސަރުކާރުގެ ކޮންޓްރޯލް ދަށަށް މުޅި ނޫސްވެރިކަން ގެނައުމާއި ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ހޯދުން ކަމަށެވެ.
ނޫސްވެރިކަމަކީ ޑިމޮކްރެސީއެއްގައި އޮތް އެންމެ މިނިވަން ބާރު ކަމަށާއި ނަމަވެސް ސަރުކާރުން މިއަދު މަސައްކަތް ކުރަނީ ނޫސްވެރިކަން މަރާލަން ކަމަށް ސޯލިހު ވިދާޅުވި އެވެ. އެމްޑީޕީން މިއަދު އެކަންކަން ހުއްޓުވަން ނިކުންނަންޖެހޭ ކަމަށާއި އަދި އެ ބިލު އަނބުރާ ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސޯލިހު އިލްތިމާސްކުރެއްވި އެވެ.
މީޑިއާ ބިލާ ގުޅޭ ކަންބޮޑުވުންތައް ޞާލިޙް ފާހަގަކުރެއްވިއިރު، ބިލާ ގުޅޭގޮތުން މަޝްވަރާކުުރުމަށް އިއްޔެ ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް ހާޒިރުކޮށް، މިއަދު ވަކިވަކި ނޫސްތަކާ ވެސް ކޮމިޓީން ބައްދަލުކުރިއެވެ. އެ ބިލަށް އެއްވެސް އިސްލާހެއް ނުގެނެސް ވަގުތުން ބޭރުކޮށްލުމަށް ނޫސްވެރިންނާއި މީޑިއާ ކައުންސިލުން ގެންދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.
ހަންނާނު ހުށަހަޅުއްވާފައިވާ އެ ބިލުގެ ދަށުން ނޫސްވެރިން، 25،000ރ. އަށް ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ނޫސްތައް 100،000ރ. އާ ހަމައަށް ޖޫރިމަނާކުރެވޭނެ ކަމަށް ވެސް މި ބިލުގައިވެ އެވެ. މީޑިއާތަކުގެ ލައިސަންސް ހިފެހެއްޓުމާއި ނޫސް ވެބްސައިޓުތައް ބްލޮކްކުރުމުގެ އިތުރުން ބިލު ތަސްދީގުކުރުމުގެ ކުރުމުގެ އެއް އަހަރު ކުރީގެ ކަންކަން ބަލައި ފިޔަވަޅު އެޅޭނެ ކަމަށް ވެސް ވެ އެވެ.
އެ ބިލާ ގުޅިގެން ނޫސްވެރިންގެ ކަންބޮޑުވުމަކީ ކޮމިޝަނުގައި ރައީސް އައްޔަނުކުރާ ތިން މެންބަރުން ތިބުމަކީ ނޫސްވެރިކަމުގެ ދާއިރާގައި ދުނިޔޭގައި ވެސް އަމަލު ކުރަމުން އަންނަ "ބެސްޓް ޕްރެކްޓިސް" ނިޒާމު، ސެލްފް ރެގިއުލޭޓަރީ ނިޒާމު ގެއްލި، ސަރުކާރުގެ ނުފޫޒު މީޑިއާއަށް ވަންނާނެ ކަމެއް ކަމަށެެވެ. އަދި ނޫސްވެރިން ވޯޓުލައިގެން ހޮވާ މެންބަރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް އޮތުމާއި ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް "ބެލެވޭ" ހާލަތެއްގައި ފުލުހުން ފަދަ އިދާރާތައް މެދުވެރިކޮށް ނޫސްތަކާއި ޓީވީ ތަކުގެ އޮފީސްތަކަށް ވަދެ ހުއްޓުވުމުގެ ބާރު ކޮމިޝަނަށް އޮތުން ހިމެނެ އެވެ.
ބިލުގައި ތެދު ނޫން މައުލޫމާތު ހާމަކޮށްފި ނަމަ މައާފަށް އެދެން ޖެހޭނެ ކަމަށް ބުނެފައިވާ އިރު "ތެދު" ނުވަތަ 'ދޮގު" ކަނޑައަޅަނީ ކޮން ފަރާތަކުން ކިހިނެއް ކަމެއް އެނގެން ނެތުމަކީ ވެސް ނޫސްވެރިންގެ ކަންބޮޑުވުމެކެވެ.