
މި ސެޝަން ކުރިއަަށް ގެންގޮސްފައިވަނީ މާފަންނު ޕޮލިސް ނެއިބަރހޫޑް ސަޕޯޓާއި، ކްރައިމް ޕްރިވެންޝަނާއި، ސައިބަރ ކްރައިމް ސެންޓަރު ގުޅިގެން، މި ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހު ކަމަށް ފުލުހުންގެ އިދާރާއިން ބުނެ އެވެ.
މި ސެޝަނުގައި، ހިރިޔާ ސްކޫލުގެ ގްރޭޑް 9 އަދި 10 ގެ 294 ދަރިވަރުން ބައިވެރިވެފައިވާކަމަށާއި މި ސެޝަނުގައި، ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތްތަކާއި، އިންޓަނެޓް މެދުވެރިކޮށް ހިންގާ ނޭދެވޭ ކަންކަމުން ރައްކާތެރިވާނެ ގޮތްތައް ކިޔައިދީފައިވޭ ކަމަށް ފުލުހުން ބުނެ އެވެ.
އިންޓަނެޓް މެދުވެރިކޮށް ކުރެވޭނެ ފައިދާހުރި ރަނގަޅު ކަންކަން ކިޔައިދީފައިވާނޭ ކަމަށް ފުލުހުން ހާމަ ކުރެ އެވެ.
ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުންކުރުމަށް ހިރިޔާ ސްކޫލު ދަރިވަރުން ހޭލުންތެރިކުރުވުމަށް މައުލޫމާތުދިނުމުގެ ތެރެއިން
މި ސެޝަންގެ މައިގަނޑު މަގުސަދަކީ، ކުރިއަރަމުން އަންނަ އިންޓަނެޓްގެ ދުނިޔޭގައި ދަރިވަރުންނަށް ރައްކާތެރިކަމާއެކު، ޒިންމާދާރު ގޮތެއްގައި އިންޓަނެޓް ބޭނުން ކުރުމަށް ހޭލުންތެރިކުރުވުން ކަމަށާއި އިންޓަނެޓާ ގުޅޭ ވަސީލަތްތައް ރަނގަޅަށް ބޭނުންކުރުމާއ ބެހޭ މާއުލޫމާތު ދެވިފައިވާނެ ކަމަށް އެ އިދާރާ އިން ބުނެފައިވެ އެވެ.
ސައިބަރ ސޭފްޓީގެ މުހިންމުކަމާއި ޑިޖިޓަލް ރެސްޕޮންސިބިލިޓީގެ މައްޗަށް ދަރިވަރުންނަށް މައުލޫމާތު ދިނުމަކީ ވެސް މި ސެޝަންގެ މުހިންމު ބޭނުމެއް ކަމަސް ފުލުހުން ވަނީ ފާހަގަ ކޮށްފައި އެވެ.
ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތައް މާލެ ސަރަހައްދާއި އެކި ރަށްރަށުގައި ކުރިޔަށް ގެންދަމުން އަންނަކަމަށް ފާހަގަ ކުރަމުން ފުލުހުން ބުނެފައިވަނީ މި މަސައްކަތުގެ ސަބަބުން ދަރިވަރުންނާއި ބެލެނިވެރިންގެ މެދުގައި އިންޓަނެޓްގެ ރައްކާތެރިކަމަށް ދެވޭ ސަމާލުކަން އިތުރުވެ، ސައިބާ ކުށްތަކުން ރައްކާތެރިވުމަށް ބާރުއެޅޭނެ ކަމަށެވެ.