މި މަގާމަކީ ރާއްޖޭގެ ކޯޓުތަކުގެ ހިދުމަތްތައް އެއް ޕޯޓަލެއްގެ ދަށުން ފޯރުކޮށްދިނުމަށް ތައްޔާރުކުރާ އިންޓެގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް (އައިސީއެމްއެސް) ތަރައްގީ ކުރުމުގެ މުހިންމު މަސައްކަތެކެވެ.
މި ޕްރޮޖެކްޓުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު އަދުލު އިންސާފުގެ ހިދުމަތްތަކަށް ވާސިލްވުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އާ ނިޒާމުގެ ދަށުން، އީ-ފައިލިން، ކައިވެންޏާއި ވަރީގެ މައްސަލަތައް ހުށަހެޅުން، އަދި ކުށުގެ ރެކޯޑު ސާފުކުރުން ފަދަ ހިދުމަތްތައް އޮންލައިންކޮށް އެއް ޕޯޓަލަކުން ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް ޑީޖޭއޭ އިން ބުންޏެވެ. މިކަމުގެ ސަބަބުން، ހާއްސަކޮށް ކޮވިޑް-19 ގެ ބަލިމަޑުކަން ފަދަ ހާލަތްތަކުގައި ވެސް ޝަރުއީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް މަގުފަހިވާނެއެވެ.
މި ވަޒީފާއަށް ހޮވޭ ކޮންސަލްޓެންޓުގެ މައިގަނޑު ޒިންމާއަކީ އައިސީއެމްއެސް ނިޒާމު ފަރުމާކޮށް ތަރައްގީ ކުރުމެވެ. މިގޮތުން، މަދަނީ އަދި އާއިލީ މައްސަލަތަކުގެ އިތުރުން އިސްތިއުނާފާއި ބެއިލްއާ ގުޅޭ ޕްރޮސެސްތައް ޑިޖިޓަލް ކުރުމާއި، ފުލުހުންނާއި ބާ ކައުންސިލް ފަދަ އިދާރާތަކުގެ ނިޒާމުތަކާ އައިސީއެމްއެސް ގުޅުވާލުމުގެ މަސައްކަތް ހިމެނެއެވެ. މިއީ 12 މަސް ދުވަހުގެ ފުލްޓައިމް ކޮންޓްރެކްޓެއް ކަމަށާއި، ރިމޯޓްކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނަސް، ބައެއް ހާލަތްތަކުގައި ޑީޖޭއޭ އޮފީހަށް ހާޒިރުވާން ޖެހޭނެ ކަމަށް އިއުލާނުގައިވެއެވެ. މި މަގާމަށް އެންމެ ދަށްވެގެން އައިޓީ ނުވަތަ ކޮމްޕިއުޓާ ސައިންސްގެ ދާއިރާއިން ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، ފުލްސްޓެކް ޑިވެލޮޕްމަންޓްގެ ތަޖުރިބާ ހުރުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް ޑީޖޭއޭއިން ވަނީ އެދިފައެވެ.